ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ ނުވަދިހަ އިންސައްތަ ހާސިލްކޮށް، މި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވައިފި ކަމަށާއި، އެބަދަލުތައް ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއެޖެއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ޔޫތު މިނިސްޓްރީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ހަލްފާގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރު މެނިފެސްޓީގެ ނުވަދިހަ އިންސައްތަ ހާސިލްކޮށްފައިވާ ކަމަށާއި، ޒުވާނުންނާއި ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލުތައް ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުއްމީދާއި ކުރިއެރުން ގެނެސްދެއްވީ ދިވެހިރާއްޖޭގެ ތާރީޚުން ދެކިފައިނުވާ އިންޤިލާބީ ބަދަލު ތަކަކާއެކު. ދވެހި ތާރީޚްގައިވެސް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން މިފަދަ ކުރިއެރުމެއް އައިސްފައި ނުވޭ، ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ 90 އިންސައްތަ ވަނީ ހާސިލް ކުރެވިފައި." ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގެ ޕްރޮޖެކްޓެއް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވެފައިވާއިރު، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 80 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ބޭނުން ކުރަންފަށާފައިވާއިރު، އިތުރު 101 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަމުންދެއެވެ. އަދި 89 ވޮލީ ކޯޓް ނިމިފައިވާއިރު 23 ވޮލީ ކޯޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގައި ހިމެނޭ 93 ބަށި ކޯޓު ނިމިފައިވާއިރު އިތުރު 17 ބަށި ކޯޓުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން 44 ނެޓްބޯޅަ ކޯޓާއި 11 ބާސްކެޓް ކޯޓުގެ މަސައްކަތް ނިމި އިތުރު 11 ނެޓްބޯޅަ ކޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 49 ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ނިމި އިތުރު 27 ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޔޫތް މިނިސްޓަރު ވިދާޅުވިއެވެ.

"ޒުވާނުންނާއި ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންޤިލާބީ ބަދަލު ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެވިގެންދޭ، ދިވެހި ޒުވާނުންގެ ތަސައްވަރުގައި މިދަނީ ހަޤީޤީ ކުލަ ޖެހެމުން، ޒުވާނުން ކުޅުމާއި ކުރިއެރުވުމަށްޓަކައި އަދި ޒުވާނުންގެ އުއްމީދުތައް ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ މެނިފެސްޓޯ ތަންފިޒު ކުރުމުގައި ގިނަ ގުނަ ކަންތައްތަކެއް މިވަނީ ކުރެވިފައި." ޒުވާނުންގެ މެނިފެސްޓޯގައި ކުލަ ޖެއްސުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރުގައި ހަރަކާތްތެރިވާ ކްލަބު ޖަމްއިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ވައުދުގެ ދަށުން ގިނަ ކަންތައްތަކެއް ހާސިލު ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުލަބު ޖަމިއްޔާތަކަށް ކުޅިވަރުގެ އެހީގެ ގޮތުގަޔާއި އެސޯސިއޭޝަންތައް ހިންގުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް 273 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ރަށްރަށުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ޖިމް ސާމާނާއި ޕްރޮޖެކްޓަރު ހަވާލު ކުރެވުނު މި ހަފްލާގައި މިނިސްޓަރު އިރުތިސާމް އާދަމް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކްލަބް ޖަމްއިއްޔާތަކަށް އަހަރަކު 60 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށާއި، މި ސަރުކާރު އައުމުގެ ކުރިން ކްލަބް ޖަމްއިއްޔާތަކަށް އަހަރަކު ދޫކޮށްފައިވަނީ ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ކަމަށެވެ.

ކުޅިވަރާއި ޒުވާނުންގެ ކަންކަމަށް މި ސަރުކާރުން ހާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަ ކުރެއްވިއިރު، މިހާރު ހިނގަމުން މިދަނީ ޒުވާނުންނާއި ކުޅިވަރުގެ ރަންޒަމާނެއްގެ ގޮތުގައި ފާހަގަކުރެވިގެންދާ ދުވަސްތަކެއް ކަމަށްވެސް ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ރޭގެ ހަފްލާގައި ވިދާޅުވިއެވެ.