މުޅި ދުނިޔެ އެ މުބާރާތަކަށް ނަޒަރު ހުއްޓޭ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕުގެ މެޗުތައް ބަލަން ފަސޭހަ ވާނެހެން ފުޓްބޯޅައިގައި ނަން މަޝްހޫރު ބްރެޒިލްގެ ސަރުކާރުން އެ ޤައުމުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ބްރެޒިލްގެ ސަރުކާރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވޯލްޑް ކަޕްގައި ބްރެޒިލް ހެނދުނު ކުޅޭ ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް އަދި ވޯލްޑް ކަޕްގައި އެ ޤައުމު މެންދުރު ފަހު ކުޅޭ ދުވަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށް ބްރެޒިލްގެ ސަރުކާރުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފެށުމަށް ހަމަޖެހިފައިވާ "ފީފާ ވޯލްޑް ކަޕް 2018" ގައި ބްރެޒިލުން މިމަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ގްރޫޕް "އީ" ގައި ހިމެނިފައިވާއިރު، މި ގްރޫޕުގައި ބްރެޒިލްގެ އިތުރުން ދެން ހިމެނެނީ ސްވިޒެލެންޑާއި، ކޮސްޓަރީކާގެ އިތުރުން ސާބިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބެ

    މިރާއްޖޭގައި ހަދަންވީ!! ދަންވަރު ޢާންމުކޮށް މެޗެ މިފެންނަނީ!! އެހެންވީމަ ރަސްމީ ގަޑި ހެނދުނު 9:00 ގައި ފަށާގޮތަށް ހަދަން ފެނޭ!!