ޔޫއެފާ އިން މިއަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ޔޫރޮޕާ ލީގުން މޮޅުވާ ޓީމަށް ދެވޭ ލާރީގެ އިނާމު ބޮޑު ކޮށްފިއެވެ. މިދިޔަ ސީޒަނުގައި ކްލަބުތަކަށް 2.06 ބިލިއަން ޕައުންޑު ދީފައިވާއިރު އެ އަދަދު 2.84 ބިލިއަނަށް މަތިކުރަން ޔޫއެފާ އިން ވަނީ ނިންމާފައެވެ.

ނަމަވެސް ޔުއެފާއިން ބުނެފައިވަނީ މުބާރާތް ބޭއްވުމަށާއި އިތުރު ހަރަދު ތަކަށް ކްލަބު ތަކަށް ދެވޭ ލާރިން 457 މިލިއަން ޕައުންޑު ކަނޑާނެ ކަމަށެވެ. މިއަންނަ ސީޒަނުގެ ޔުއެފާ ސުޕާ ކަޕުގައި ވާދަކުރާނީ ދުނިޔޭގެ އެންމެ ވާދަވެރިކޮށް ކުޅޭ ދެޓީމު ކަމަށްވާ ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑުއެވެ. މިމެޗު ކުޅޭނީ އެސްޓޯނިއާ ގައެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި 1-3 ގެ ނަތީޖާ އަކުން ލިވަޕޫލް ބަލިކޮށް ރިއަލް މެޑްރިޑު ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވާއިރު އެތުލެޓިކޯ މެޑްރިޑު ޔުރޮޕާ ލީގު ތަށި ކާމިޔާބު ކޮށްފައިވަނީ 0-3 ގެ ނަތީޖާ އަކުން މާސައިލް ބަލިކޮށްގެންނެވެ.

ޗެމްޕިއަންސް ލީގު ފަނޑު ބާހާފައިވާ ގޮތް:

މުޅިއަކު 1.71 ބިލިއަން ޕައުންޑު ބަހާފައިވާނީ ހަތަރު ބަޔަކަށެވެ.

  1. ޗެމްޕިއަންސް ލީގުގައި ބައިވެރިވާ 32 ޓީމުގެތެރެއިން ގްރޫޕް ސްޓޭޖަށް ކޮލިފައިވާ ހުރިހާ ޓީމަކަށްވެސް މުބާރާތް ފެށުމުގެ ގޮތުން 13.34 މިލިއަން ޕައުންޑު ލިބޭނެއެވެ.
  2. ގްރޫޕް ސްޓޭޖުގައި ކުޅޭ ކޮންމެ މެޗަކަށް ވަކިން ބޯނަސް އެއްގެ ގޮތުގައި ލާރި ލިބޭނެއެވެ. މެޗަކުން މޮޅު ވެއްޖެ ނަމަ 2.36 މިލިއަން ޕައުންޑު ލިބުމާއެކު އެއްވަރު ވެެއްޖެ ނަމަ 787،000 ޕައުންޑު ލިބޭނެއެވެ. ރައުންޑް އޮފް 16 އަށް ކޮލިފައިވާ ކޮންމެ ޓީމަކަށް 8.31 މިލިއަން ޕައުންޑު ލިބޭނެއެވެ. ކުއާޓާ ފައިނަލަށް ކޮލިފައިވާ ޓީމަށް 9.29 މިލިއަން ޕައުންޑު ލިބޭއިރު ސެމީގައި ކުޅޭ 4 ޓީމަށް 10.5 މިލިއަން ޕައުންޑު ލިބޭނެއެވެ. ހަމަ އެހެންމެ ފައިނަލުގައި ކުޅޭނަމަ 13.12 މިލިއަން ޕައުންޑު ލިބުމުގެ އިތުރުން މޮޅު ވެއްޖެ ނަމަ އިތުރު 3.5 މިލިއަން ޕައުންޑު ލިބޭނެއެވެ.
  3. ފާއިތުވި 10 އަހަރަށް ބަލާއިރު ގްރޫޕް ސްޓޭޖުގައި ބައިވެރިވާ އެންމެ ދަށް ޓީމަކަށް ލިބޭނީ 970،000 ޕައުންޑެވެ. ހަމަ އެހެންމެ ކޮންމެ މަގާމަކަށް މިވަރަށް ލާރި އިތުރަށް ލިބޭނެއެވެ.
  4. ކޮންމެ ކްލަބަކަށް އެކްލަބު ނިސްބަތްވާ ގައުމުގެ ޓެލެވިޝަން މާކެޓުގެ އަގަށް ބަލާފައި 255.5 މިލިއަން ޕައުންޑު ދޭނެއެވެ.

ޔޫރޮޕާ ލީގުގައި ކުޅޭ ޓީމުތަކަށް ލިބޭނީ 490 މިލިއަން ޕައުންޑެވެ. މިދިޔަ ސީޒަނުގައި ހުރިހާ ޓީމަކަށް ދީފައިވަނީ 350 މިލިއަން ޕައުންޑެވެ.