އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ 12 ޕޮއިންޓަށް ފުޅާވެފައެވެ. އެއްވަނައިގައި ސިޓީ އޮތީ 62 ޕޮއިންޓާއެކު އެވެ ހަމަ މި އަދަދަށް މެޗު ކުޅެގެން ޔުނައިޓެޑް އޮތީ 50 ޕޮއިންޓާއެކު އެވެ.

ޔުނައިޓެޑާއި އެންމެ ކައިރިން ލެސްޓާ ސިޓީ އޮތީ 49 ޕޮއިންޓާއެކު އެވެ. އެހެންކަމުން ލީގުގެ ދެވަނަ މަގާމު ދިފާއުކުރުމަށް ޔުނައިޓެޑަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ. އަދި ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ބޭނުންވާނެ އެވެ. އަނެއްކޮޅުން ޗެލްސީ އޮތީ ލީގުގެ ފަސްވަނައިގައި 44 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ގަދަ ހަތަރަކަށް އަރަން މަދުވަނީ އެއް ޕޮއިންޓެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމަަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ހަޑްސަން އޮޑޯއި އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި ބެލުަމަށްފަހު، އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. އޭގެފަހުން ވެސް ޗެލްސީއށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

އެންމެފަހުން ޔުނައިޓެޑް ކުޅުނު 20 މެޗުގައި އެ ޓީމު ބަލިވީ އެއް މެޗުންނެވެ. މި މެޗުން އެއްވަރުވި ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުންދަނީ ރަނގަޅު ނަތީޖާތަކެކެވެ. އަނެއްކޮޅުން ޗެލްސީގެ އާ ކޯޗު ޓުޗެލް އެ ޓީމާއި ހަވާލުވި ފަހުން އެ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ އައިސްފައެވެ. މި މެޗުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީވެސް ޗެލްސީންނެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ވަނީ އެ ޕެނަލްޓީ ނުދިނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މި މެޗުން ބޭނުންވީ މޮޅެއް ކަމަށާއި ކުރިޔަށްހުރި މެޗުތަކުގައި އެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ. ޗެލްސީގެ ކޯޗު ޓުޗެލް ބުނީ މި މެޗުން އެއްވަރުވި ނަމަވެސް ޓީމުން ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށެވެ.

ލީގުގައި ޗެލްސީ އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު ޗެލްސީ ބައްދަލުކުރާނީ ލިވަޕޫލްއާއެވެ. އަދި އަންނަ ބުދަދުވަހު ޔުނައިޓެޑް ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާއެވެ.