މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ އާއި މެދު ހަސަދަވެރިވާ ކަމަށް، މި ސީޒަންގެ ފަހުކޮޅުގައި ސިޓީ ދޫކޮށްލި އައިިވެރިކޯސްޓްގެ ފޯވާޑް ޔާޔާ ޓޯރޭ ބުނެފިއެވެ.

އިނގިރޭސި ނޫހަކަށް ދިން އިންޓަވިޔުއެއްގައި ޔާޔާ ޓޯރޭ ބުނީ ގާޑިއޯލާ އޭނާގެ ކުޅުން "ހަރާބު ކޮށްލުމަށް" ވަރަށް މަސައްކަތް ކުރިި ކަމަށާއި އޭނާއާއި މެދު ނަސްލީ ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށެވެ.

"ޕްރެކްޓިސްތަކުގައިވެސް އަހަރެން ހުންނާނެ ރަގަނޅު ކުޅުމެއް ދައްކާފަ. ނަމަވެސް އަހަރެން ބެންޗުގައި ބެހެއްޓުމަށް ފަހު އެބަހުރި އަހަންނަށްވުރެ ފެންވަރުގެ ގޮތުން ދަށް ކުޅުންތެރިން ކުޅެން އަރުވާފައި. އަހަރެން ގަބޫލު ކުރަނީ އެއީ ކޯޗު ގާޑިއޯލާ އަހަންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ކަމަށް،" ޓޯރޭ ބުނެފައިވެއެވެ.

އަދި ގާޑިއޯލާއަކީ އެފްރިކާ ކުޅުންތެރިން ދެކެ ނުވަތަ ކަޅު ނަސްލުގެ ކުޅުންތެރިން ދެކެ ރުޅި އަންނަ ކޯޗެއް ކަމަށް ތުހުމަތު ކުރަމުން ޓޯރޭ ބުނީ އޭނާގެ މިހާރުގެ އަމާޒަކީ ގާޑިއޯލާއަށް އޭނާއަކީވެސް ފެންވަރު ހުރި ކުޅުންތެރިއެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.

އަދި ބާސެލޯނާގައި އޭނާ އުޅުނު އިރުވެސް ގާޑިއޯލާގެ ފަރާތުން ތަފާތުކުރުންތަށް ފެނުނު ކަމަށްވެސް ޔާޔާ ޓޯރޭ ބުނެފައިވެއެވެ.

ގާޑިއޯލާގެ ފަރާތުން ކިތަންމެ ނަސްލީ ތަފާތުކުރުމެއް ފެނުން ކަމުގައި ވިޔަސް ކޯޗާއި ހިތްހަމަ ނުޖެހި އެއްވެސް އެއްޗެއް ބުނެފައި ނުުވާނެ ކަމަށާއި ކޯޗު ގާޑިއޯލާއަށް ކުރަން ޖެހޭ ހުރިހާ އިހްތިރާމެއްް ކޮށްފައިވާނެ ކަމަށް ޓޯރޭ ބުނެފައިވެއެވެ.