ގްރޫޕު ޖީގައި އެންމެ ނުރައްކާތެރި ކުޅުންތެރިޔަކަށް ވާނީ އިންގްލޭންޑުގެ ފޯވާޑު ހެރީ ކޭން ކަމަށް، ބެލްޖިއަމް ގައުމީ ޓީމު އަދި ޗެލްސީގެ ކީޕަރު ތިބައު ކަޓުއާ ބުނެފިއެވެ.

ކަޓުވާ ގަބޫލު ކުރާގޮތުގައި ވޯލްޑް ކަޕުގައި އޭނާ އާއި އޭނާގެ ޓީމު އިންގްލޭންޑާއި ކުޅޭ މެޗުގައި އެންމެ އުނދަގޫ ކުރާނެ އެއް ކުޅުންތެރިޔަކަށް ވެގެންދާނީ އެޓީމުގެ ކެޕްޓަން ޓޮޓެންހަމް އަށް ކުޅެމުންދާ ހެރީ ކޭން އެވެ. މިދިޔަ ސީޒަނުގައި ކޭން ވަނީ ޓޮޓެންހަމް އަށް 30 ގޯލު ޕްރެމިއާ ލީގުގައި ކާމިޔާބު ކޮށް ދީފައެވެ. އޭނާ އަބަދުވެސް ލަނޑު ޖެހުމަކީ ކަޓުއާ އަށް ލިބޭ އިތުރު ބިރެއް ކަމަށް އޭނާ ދެކެއެވެ.

"އިނގްލޭންޑަކީ ތަފާތު މޮޅެތި ކުޅުންތެރިން އެކުލެވިގެންވާ ޓީމެއް، ގިނަ ކުޅުންތެރިންނަށް ބަލަން ޖެހޭނެ. ނަމަވެސް ކޮންމެ އަހަރަކު 30 ވަރަކަށް ގޯލު ޖަހާ ކުޅުންތެރިއަކީ ކެން، އެއީ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ" ޗެލްސީގެ ކީޕަރު ބުންޏެވެ.

ބެލްޖިއަމް ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެކުވެރި ކަމުގެ މެޗެއް ބުދަ ދުވަހު މިސްރާއިއެކު ކުޅޭނެއެވެ. ކަޓުވާ ގަބޫލުކުރާގޮތުގައި ވޯލްޑް ކަޕުގައި ޓިއުނޭޝިއާ އާއި ދެކޮޅަށް ދައްކަން ޖެހޭ ކުޅުން ދެއްކޭނީ މިސްރާއި ދެކޮޅަށް މޮޅު ކުޅުމެއް ކުޅެގެންނެވެ.

"މިސްރުގެ އެންމެ މޮޅު ޓީމާއި ދެކޮޅަށް ނުކުޅެވޭތީ ދެރަވޭ، އެއީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ސަލާހު އަނިޔާގެ ސަބަބުން ނުކުޅޭތީ. އެހެން ނަމަވެސް މިއީ ވަރުގަދަ މެޗަކަށް ވާނެ، ޓިއުނޭޝިއާ އާއި ދެކޮޅަށް ކުޅުން ކަހަލަ،" ކަޓުއާ ބުންޏެވެ.