މިއަހަރުގެ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕު ޑީގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން މި ބިޑު ކާމިޔާބުކުރީ އަވައްޓެރި އިންޑިއާ އާއި ވާދަކޮށްގެންނެވެ. މި ބިޑު ކާމިޔާބުކުރި ކަން ހާމަކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އޭއެފްސީން ނިންމާފައިވަނީ މުބާރާތުގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްފައި ކުޅުމަށެވެ. މިދިޔަ މުބާރާތްވެސް ބާއްވަން ރާއްޖެއިން ބިޑުކުރި އެވެ. ނަމަވެސް އޭއެފްސީން ވަނީ އެންމެ ފަހުވަގުތު މުބާރާތް ކެންސަލްކޮށްފައެވެ.

ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި މިއަހަރު ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ. ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.

އެފްއޭއެމްގެ ރައީސް މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނުކަން އިއުލާނުކުރި އިރު، ކޮލިފައިންގެ މެޗުތައް ކާމިޔާބުކޮށް ކުލަބް އީގަލްސް ވެސް ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މުބާރާތުގެ ދެކުނު އޭޝިއާ ޒޯނުގެ ކޮލިފިކޭޝަން އޭޕްރީލް 7 އިން 21 ގެ ނިޔަލަށެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 14 އިން 20 ގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރި އިރު ރާއްޖޭގެ ދެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. އަދި މުބާރާތް ހުއްޓާލާފައިވަނީ މެޗުތަކެއް ކުޅެފައިވަނިކޮށެވެ. ނަމަވެސް އެންމެ ފަހު ވަގުތު މުބާރާތް ކެންސަލްކުރީ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެ ހިމެނޭ ޒޯނު ފިޔަވާ އެހެން ޒޯނުތަކުން މުބާރާތް ބާއްވާނެ ގައުމެއް ކަނޑަނޭޅުމުގެ ސަބަބުންނެވެ. މިދިޔަ ފަހަރު މުބާރާތަށް ޝައުގުވެރިކަން ފާޅުކުރި ހަމައެކަނި ގައުމަކީ ރާއްޖެއެވެ.