ޕޯޓޯ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޮގޯ ޑޭލޮޓް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ޑޭލޮޓް ޔުނައިޓެޑަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ކުޅެން ލިބުނު ފުރުސަތަކީ އަހަންނަށް ނޫނެކޭ ބުނެވޭނެ ވަރުގެ ފުރުސަތެއް ނޫން" ޔުނައިޓެޑަށް ބަދަލުވުމަށްފަހު އޭނާ ބުންޏެވެ.

ޕޯޗުގަލްގެ 15 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑަލޮޓް ޕޯޓޯ އަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ލިވަޕޫލް އާއި ދެކޮޅަށް ޕޯޓޯ އިން ކުޅުނު މެޗުގައި ކުޅެފައެވެ.

"ޑޭލޮޓްގެ އުމުރާއެކު އޭނާ އަށް ވުރެ މޮޅު ފުލް ބެކެއް ޔޫރަޕަކު ނުކުޅޭ. އޭނާ އަކީ ތަފާތު މޮޅު އަދި އެހާމެ ހުނަރުވެރި ޑިފެންޑަރެއް، މޮޅަށް ކުޅެފިއްޔާ ޔުނައިޓެޑުގެ މައި ކުޅުންތެރިޔަކަށް ވެވޭނެ ކުޅުންތެރިއެއް އެއީ" ޑޭލޮޓް އާއި ބެހޭގޮތުން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.

ޑޭލޮޓް ޔުނައިޓެޑް ބަދަލުވެފައިވާއިރު ޓޮޓެންހަމް އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވެއިރެލްޑް ގެނައުމަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ޑޭލޮޓް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެނައި ދެވަނަ ކުޅުންތެރިއާއެވެ. މީގެކުރިން އެޓީމަށް ވަނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު