ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ގައި އިނގިރޭސި ކުލަބް މެންޗެސްޓަ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާން ބައްދަލުކުރާ މެޗުގައި އިބްރަހިމޮވިޗްއަށް ނުކުޅެވޭނެކަން ހާމަވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ނުކުޅެވެނީ އަނިޔާއާ ގުޅިގެންނެވެ. އަދި އޭސީ މިލާނުން ހެދި ޓެސްޓުތަކުން މި މެޗަށް އޭނާ ފިޓުނުވާނެ ކަމަށް އެ ކުލަބުން ބުނެއެވެ. އިބްރަހިމޮވިޗްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ތިން ހަފުތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރާ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މެޗު ކުޅޭނީ ޔުނައިޓެޑުގެ ދަނޑުގައެވެ. ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު މިލާނުގެ ދަނޑުގައެވެ.

އިބްރަހިމޮވިޗް އަށް އަނިޔާވެފައިވަނީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ރޯމާ އަތުން 2-1 ގެ ނަތީޖާއަކުން މިލާން މޮޅުވި މެޗުގައެވެ. މެޗުގެ 56 ވަނަ މިނެޓުގައި އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ތިން ހަފުތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމާއެކު ދެވަނަ ލެގުގައި ވެސް އޭނާ ފެނުމުގެ ފުރުސަތު ކުޑައެވެ.

އިބްރަހިމޮވިޗް ވަނީ މީގެކުރިންް ޔުަނައިޓެޑަށް ކުޅެފައެވެ. މި މެޗު އެ ކުޅުންތެރިއަކަށް ހާއްސަވަނީ ވެސް އިބްރަހިމޮވިޗަށެވެ. ޔުރޮޕާ ލީގުގެ ތަށި 2017 ވަނަ އަހަރު ޔުނައިޓެޑް އުފުލާލި ޓީމުގައި އޭނާ ހިމެނެއެވެ.

ޔުނައިޓެޑާ ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާ އެއް ކުޅުންތެރިއަކީވެސް އިބްރަހިމޮވިޗެވެ. އެގޮތުން ޔުނައިޓެޑުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އިބްރަހިމޮވިޗް ވަނީ އެ ޓީމަށް ކުޅެފައެވެ.