ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި އަހަރު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ އެތްލީޓުންގެ ތެރޭގައި ހަސަން ސާއިދު އާއެކު ހަ ދުވުންތެރިން ހިމެނިއްޖެ އެވެ.

ރާއްޖެއިން ވާދަކުރާ އެތްލީޓުންގެ ތެރޭގައި ހިމެނެނީ ތިން އަންހެން ދުވުންތެރިންނާއި ތިން ފިރިހެން ދުވުންތެރިންނެވެ. މި ދުވުންތެރިންގެ ތެރެއިން ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު އާއި އިބާދުﷲ އާދަމްގެ އިތުރުން އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އަންހެން އެންމެ ބާރު ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އާއި މަރިޔަމް ރޫޔާ އަލީގެ އިތުރުން އައިޝަތު ޝަބާ ސަލީމް އެވެ. އަންހެން ބައިގައި ވާދަކުރާ އެތްލީޓުންގެ ތެރެއިން ހިމްނާ ދުވުމަށް ހަމަޖެހިފައިވަނީ 400 މީޓަރު ދުވުމުގައެވެ. އަދި އަނެއް ދެ އެތްލީޓުން ދުވާނީ 100 މީޓަރުގައެވެ.

ސާއިދު ވަނީ މީގެކުރިންވެސް އޮލިމްޕިކްސްގައި ދުވެފައެވެ. އެ ބުރު އޮލިމްޕިކްސްގް ޕްރީލިމިނަރީ ބުރު އޭނާ ފަހަނައަޅައި ދިޔައެވެ. މިއީ މި ބައްރުން އެތްލީޓަކު މި މުބާރާތުގެ ޕްރީލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ރާއްޖޭގެ ދެވަނަ އެތްލީޓެވެ.

މިއަހަރު ބާއްވަން މަސައްކަތްކުރާ އޮލިމްޕިކްސް އަކީ މިދިޔަ އަހަރު އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރި މުބާރާތެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މި މުބާރާތް މިއަހަރަށް ފަސްކުރި އެވެ. މިހާރު އޮލިމްޕިކްސް ބޭއްވުމަށް މަސައްކަތްކުރަނީ އަންނަ ޖުލައި 23 ގައެވެ.