ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބާސާ އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުމުން ބޮޑު ހިތްދަތިކަމެއް ލިބިފައިވާ ކަމަށާއި ދެން ބޯންވީ ޒަހަރު ކަމަށް ސެވިއްޔާގެ ކޯޗު ލޮޕެޓީގް ބުނެފިއެވެ.

އެގްރިގޭޓް ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފައިވާއިރު، ފުރަތަމަ ލެގު ކާމިޔާބުކޮށްފައި ވަނީ ސެވިއްޔާ އެވެ. މި މެޗު އެ ޓީމު ކާމިޔާބުކުރ 2-0 އިންނެވެ. ދެވަނަ ލެގު ބާސާ ކާމިޔާބުުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު ބާސާ ފައިނަލަށް ދިޔައީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗަށްފަހު ސެވިއްޔާ ކޯޗު ބުނީ މެޗެއްގައި ފެންނާނެ އެންމެ ހިތްދަތި މަންޒަރު މި މެޗުގައި ފެނިގެން ހިނގައްޖެ ކަމަށާއި މިއީ ކެތްކުރެވޭ ވަރުގެ މަންޒަރެއް ނޫންކަމަށެވެ. އަދި ބާސާއިން ފައިނަލަށް ދިޔައީ ކިރިޔަ ކިރިޔާ ކަމަށާއި މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ބޮޑު މާޔޫސްކަމެއް ލިބިގެންދިޔަ މެޗެއް ކަމަށް ކޯޗު ބުންޏެވެ.

ކޯޗު ބުނީ ނަތީޖާ އަނބުރާލަން ކުޅުންތެރިން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަސީބު އެހީނުވީ ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގުކަމަށް ބުންޏެވެ.

މެޗުން މޮޅުވުމުން ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ބާސާގެ އިތުބާރު ކީޕަރު ޓާ ސްޓޭގެން ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

މެޗު ނިމެން ގާތްވެފައި ވަނިކޮށް ސެވިއްޔާގެ ކުޅުންތެރިއަކަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތްކާޑު ދެއްކިއެވެ. މި ކޑު ދެއްކިތާ މާގިނައިރުތަކެއް ނުވަނީސް ބާސާއިން ވަނީ އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. ގްރީޒްމަންގެ އެހީއާއެކު މި ލަނޑު ކާމިޔާބުކުރީ ޖެރާޑް ޕީކޭ އެވެ. އެއާއެކު ދެ ޓީމު އެގްރިގޭޓް ނަތީޖާއިން އެއްވަރުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބާސާއިން ލީޑު ނެގިއެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ބްރައިތްވެއިޓެވެ.

ސްޕެނިޝް ކަޕުގެ ފައިނަލުގައި ބާސާ ބައްދަލުކުރާނީ މިރޭ އެތްލެޓިކް ބިލްބާއޯ އާއި ލެވަންޓޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ .މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ބާސާ ދަތުރުކުރިއިރު، ފައިނަލުގައި ބާސާ ބައްދަލުކުރަން ޖެހޭނީ ލެވަންޓޭ ނުވަތަ އެތުލެޓިކް ބިލްބާއޯއާއެވެ. ލެވަންޓޭ އާއި ބިލްބާއޯ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު، އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.