އަންނަ ސީޒަނަށް ލިވަޕޫލަށް އާ ކުޅުންތެރިން ގެންނަން ބޭނުންކަމުގައި ވާނަމަ މިފަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފިކޭޝަނުގައި ވާދަކުރަން ޖެހޭނެ ކަމަށާއި އެހެންނޫން ނަމަ ކުޅުންތެރިން ހޯދަން އުނދަގޫވާނެ ކަމަށް އެ ކުލަބުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ތަށި ދިފާއުކުރަން ނުކުތް ލިވަޕޫލަށް މި ސީޒަނަކީ ގޮންޖެހުން ބޮޑު ސީޒަނެކެވެ. ތާވަލުގެ ގަދަ ހަތަރަކަށް އެރުމަށް ބާކީ ދެ ޕޮއިންޓް ބޭނުންވެއެވެ. ލިވަޕޫލް އޮތީ ތާޥަލުގެ ހަވަނައިގައި 44 ޕޮއިންޓާއެކު އެވެ. ފަސްވަނައިގައި ޗެލްސީ އޮތީ 44 ޕޮއިންޓާއެކު އެވެ.

ލިވަޕޫލް އަކީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ޓީމެވެ. އަދި އެންމެ ފަހުގެ އިނގިރޭސި ލގު ޗެމްޕިއަނެވެ. މި ސީޒަނުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދަނީ މި ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭ އެ ޓީމުގެ އެންމެ ދަށް ކުޅުމެވެ.

ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލަށް ކުރިޔަށްއޮތީ މުހިއްމު މެޗެކެވެ. މިރޭ ދަންވަރު ރާއްޖެގަޑިން 1:15 ގައި ޗެލްސީއާއި ދެކޮޅަށް ކުޅޭނެއެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ގަދަ ހަތަރަކަށް އެރުމަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ އެވެ. ގަދަ ހަތަރަކަށް އެރިއްޖެ ނަމަ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިގެންދާނެ އެވެ.

"ލިވަޕޫލަށް އަބަދުވެސް މުހިއްމީ ކުލަބުގެ މާލިއްޔަތު، މި ކުލަބުގައި ކުޅުންތެރިންނަށް ވިޔަސް، ކުލަބުގެ އޮފިޝަލުންނަށް ވިޔަސް، އެހެން ހަރަދަކަށް ވިޔަސް ގުޅިފައި އޮންނަނީ އެކަމާ، އެ ލިބެން އަންނަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެގެން، ސްޕޮންސަރުންނަށް އެ އިތުބާރު ދަމަހައްޓަންޖެހޭ، އެއީ ބޮޑު ގޮންޖެހުމެއް" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމަށް އެދި ކުލަބުގެ ވެރިޔާ ނުގުޅާނެ ކަމަށާއި އެކަމަކު ވެސް މިއީ އެއް އާއިލާއެއް ކަމުން އެކަން އިހުސާސުވާން ޖެހޭނެ ކަމަށެވެ. އަދި ލިވަޕޫލްގެ އޮތީ ބަދަހި ގުޅުމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

މީޑިއަ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލުން ދަނީ އާ ކުޅުންތެރިންތަކަކަށް ފާރަލަމުންނެވެ.