އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ގަދަ ހަަތަރަކަށް ޗެލްސީ ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކޮށްފަިއވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ލިވަޕޫލްގެ ދަނޑުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ފަސްވަނަ މެޗެވެ. މިއީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އެ ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ..

މި ބައްޔާއެކު ލިވަޕޫލް ވަނީ ތާވަލުގެ ހަތްވަނައަށް ސޮއްސާލާފައެވެ. އެ ޓީމު ހަތްވަނަައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެވެ. އެންމެ ކައިރިން ހަވަނައިގައި ވެސްޓް ހޭމް އޮތީ އެއް މެޗު މަދުން ކުޅެ ޗެލްސީއަށްވުރެ ދެ ޕޮއިންޓު އިތުރަށް ލިބިގެންނެވެ. މި މޮޅާއެކު ހަތަރުވަނައިގައި ޗެލްސީ އޮތީ ކުޅުނު 27 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެވެ.

މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެންގޯލޯ ކާންޓޭގެ އެހީއާއެކު ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އެވެ. މި ލަނޑުގެ ކުރިން މެޗުގެ 24 ވަނަ މިނެޓުގައި ޓިމޯ ވާނާ ވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

މިވަގުތު ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމަކީ ޗެލްސީއެވެ. އެ ޓީމުގެ ކޯޗުކަމާއި ޓުޗެލް ހަވާލުވިފަހުން މިހާތަނަށް އަދި އެ ޓީމު މެޗަކުން ބަލިވެފައެއް ނުވެއެވެ. އަނެއްކޮޅުން ލިވަޕޫލް އޮތީ ނާޒުކު ފައްތަރެއްގައެވެ. އެ ޓީމުގެ ކޯޗު ކްލޮޕް ބުނީ މިއީ ރަނގަޅުކުރަން ޖެހޭ ކަމެއް ކަމަށާއި މިގޮތުގައި ކުރިޔަށްދާ ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

ލީގުގައި ޗެލްސީ އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ ހޯމަދުވަހުއެވެ. ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ އެވަޓަން އާއެވެ. އަދި ލީގުގައި ޖެހިޖެހިގެން ހަ މެޗުން ބަލިނުވެ ސަލާމަތްވުމަށް އަންނަ އާދީއްތަ ދުވަހު ލިވަޕޫލް ކުޅޭނީ ފުލަމް އާއި ދެކޮޅަށެވެ.