އޭދަފުށީގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ބަނަފްސާ ކަންމަތި (ބީކޭ) ފުޓްބޯޅަ ކްލަބް ބައްދަލުކުރި މުބާރާތުގެ ދެވަނަ މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މިއަދު ބައްދަލުކުރި ދެ ޓީމުގެ ތެރެއިން ބީކޭ ޓީމަކީ ޒުވާން ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެކެވެ. އަނެއްކޮޅުން ވެޓަރަންސް ޓީމުގައި ތިބީ އޭދަފުށީގެ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މެޗު ފަށައިގެން ކުރީކޮޅު ބީކޭ އިން ރަނގަޅު ކުޅުމެއް ކުޅެ މެޗުގެ 15 ވަނަ މިނެޓުގައި ވަނީ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު މާހު އެވެ.

ބީކޭ އާއި ވެޓާރަންސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ:ރަޔާން ފޮޓޯސް

ވެޓަރަންސް ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ބީކޭ ޓީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ވެޓަރަންސް ޓީމަށް ޖަހައިދިނީ ޒާހިރު ނަސީރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެޓަރަންސް ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު މަދީނު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ-- ފޮޮޓޯ:ރަޔާން ފޮޓޯސް

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް ކްލަބެވެ. ވެލާ ސްޕޯޓްސް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން އަތުން 2-1 އިން މޮޅުވެފަ އެވެ.

މިއީ އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފިރިހެން ފުޓްބޯޅައިގެ އިތުރުން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ވިމެންސް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މުބާރާތްތަކުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ޖާޒިއާ އާއި އޭދަފުށީ ޖީ9 ޓްރޭޑާސް އަދި ލޮޓަސް ފިހާރައަކީވެސް މުބާރާތުގެ ސްޕޮންސަރުންނެވެ. ފޮޓޯ ޕާޓްނަރަކީ ރަޔާން ފޮޓޯސް އެވެ.