ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު ގިނީއަސް ނިސްބަތްވާ އުމުރުން 18 އަހަރުގެ މޮރީބާ އުފަލުން ފޮޅިއްްޖެއެވެ.

އޮސަސޫނާގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މި މެޗު ބާސާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މޮރީބާ ލަނޑު ޖަހާފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައި ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި ބާސަގެ އަނެއް ގޯލު ޖެހީ ޖޯޑީ އަލްބާ އެވެ.

މެޗަށްފަހު އުފަލުން ހުރި މޮރީބާ ބުނީ ކަށްވަޅަށް ދާންދެން މި ގޯލު ހަނދާނުގައި ބަހައްޓާނެ ކަމަށާއި މިއީ އެތައް ގޮތަކުން އޭނާއަށް ހާއްސަ ލަނޑެއް ކަމަށެވެ. ފުޓުބޯޅައިގައި މާބޮޑު ކާމިޔާބީތަކެއް ލިބިފައިނުވާ މި ޖަޒީރާ ރަށަށް ނިސްބަތްވާ ކުޅުންތެރިޔާ ޖެހި މި ލަނޑާއެކު އެ ގައުމުގައި ވެސް ދަނީ އުފާފާޅުކުރަމުންނެވެ. މިއީ ފުޓުބޯޅައިގައި މިހާތަނަށް އެ ގައުމުގެ ކުޅުންތެރިއަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

މި މޮޅާއެކު ބާސާ ވަނީ ތާވަލުގެ އެއްވަނައިގައިވާ އެތްލެޓިކޯ މެޑްރިޑާއި ދެ ޕޮއިންޓަށް ކަައިރިކޮށްފއެވެ. އެއްވަނައިގައި އެތްލެޓިކޯ އޮތީ 58 ޕޮއިންޓާއެކު އެވެ.
ބާސާގެ ސީނިއާ ޓީމަށް މޮރީބާ އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ ޖެނުއަރީ މަހު ކޮޕަ ޑެލްރޭގައި ކޯނެލާ އާއި ދެކޮޅަށެވެ. އެއާއެކު ބާސާގެ ކޯޗު ކޫމަން އެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައި މޮރީބާ ހިމެނުނެވެ. އެއަށްފަހު ލަލީގާގައި މޮރީބާ އެންމެ ފުރަތަމަ ފެނިލީ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މި މެޗަކީ އޭނާ ލީގުގަައި ބާސާއަށް ކުޅެދޭ ފަސްވަނަ މެޗެވެ.

"މެސީ ވަރަށް ގިނައިން ބުނާނެ އޭރިއާ ތެރެއަށް ވަންނަން، އޭރުން ރަނގަޅު ބޯޅަ ލިބޭނެކަމަށް ބުނި، ސީނިއާ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ އަހަންނަށް މި ގޯލު އަހަރެން ހާއްސަކުރާނީ ލަމާސިއާ އާއި އަހަރެެންގެ ބައްޕައަށް، އެންމެ ގިނަ އެއްޗެހި ދަސްކޮށްދިނީ އެމީހުން" މޮރީބާ ބުންޏެވެ.