ޔުއެފާ ޗެމްޕިއަންސް ލީގަކީ ވެސް މުހިއްމު މުބާރާތެއް ކަމަށާއި، އެހެން ނަމަވެސް އެ މުބާރާތް ހޯދުމުގެ ނަމުގައި ޕްރިމިއަރ ލީގު ގުރުބާން ނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ލީގު ތަށި ދިފާއުކުރަން ނުކުތް ލިވަޕޫލް މި ސީޒަނުގައި އޮތީ ނާޒުކު ފައްތަރެއްގައެވެ. ލިވަޕޫލް އޮތީ ތާވަލުގެ ހަތްވަނައިގައި 43 ޕޮއިންޓާއެކު އެވެ. ގަދަ ހަތަރަކަށް އެރުމަށް އެ ޓީމަށް މަދުވަނީ ހަތަރު ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އޮތީ ރަނގަޅު ހިސާބެއްގައެވެ. ގަދަ 16 ގައި އާރުބީ ލިޕްޒިގް އަތުން ފުރަތަމަ ލެގުން ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ.

"ޗެމްޕިއަންސް ލީގު ކާމިޔާބުކުރާކަށް މިވަގުތަކު ނުވިސްނަން، އެއީ ކުލަބް އެއަށްވުރެ ގޯސް ހާލަތެއްގަ އޮތީ ލީގުގައި، މި ހަފުތާގައި އުނދަގޫ މެޗުތަކެއް އެބައޮތް، ކޮންމެ ދެދުވަހަކުން ކަހަލަ ގޮތަކަށް އެބަ ކުޅެން ޖެހޭ ، އެހެންވީމަ އެންމެ ފުރަތަމަ މި ވިސްނަނީ މި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މިހާރު ލިވަޕޫލް އަކީ އާދައިގެ ޓީމެއް ނޫންކަމަށާއި ގިނަ ބަޔަކު އޭގެ ފަހަތުގައި ތިބި ކުލަބެއް ކަމަށެވެ. އަދި ކޮންމެ މެޗަކީވެސް ބޮޑު ޒިންމާއެއް ކަން ގަބޫލުކުރާ ކަމަށާއި މެޗުތައް ކާމިޔާބުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

މިއަދު ފުލަމް އާއި ދެކޮޅަށް ލީގު މެޗެއް ކުޅޭއިރު ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ލިޕްޒިގް އާއި ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު ކުޅޭނެ އެވެ. އެއަށްފަހު އެ ޓީމުން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ މާރޗް 16 ގައެވެ. އެ ދުވަހު ކުޅޭނީ ވުލްވްސް އާއެވެ.