އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް އަތުން ބަލިވެ އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ ހާލަތު ގޯހުން ގޯހަށް ހިނގައްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ފުލަމް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ކުޅުނު މެޗުތަކުން ބަލިވި ހަވަނަ މެޗެވެ. މީގެކުރިން އަމިއްލަ ދަނޑުގައި ޗެލްސީއާއި އެވަަޓަންގެ އިތުރުން ލެސްޓާ އާއި ސިޓީ އަދި ބްރައިޓަން އަތުން ވަނީ އަމިއްލަ ދަނޑުގައި ބަލިވެފައެވެ.

މިއީ 2012 ގެ ފަހުން ލިވަޕޫލްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލް ކުރަމުން އަންނަ އުއްމީދަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. ގަދަ ހަތަރަކަށް އެރުމަށް މިހާރު ލިވަޕޫލަށް ބޭނުންވާ ޕޮއިންޓުގެ ފަހަރު ވަނީ ފަސް ޕޮއިންޓަށް ފުޅާވެފައެވެ. ތާވަލުގެ ހަތްވަނައިގައި ލިވަޕޫލް އޮތީ 43 ޕޮއިންޓާއެކު އެވެ.

އެންމެފަހުން ލިވަޕޫލް މިދިޔަ ސީޒަނުގައި ތަށި ނެގި ފަހަރު އަމިއްލަ ދަނޑުގައި ކުޅުނު 68 މެޗުން ވަނީ މޮޅުވެފައެވެ. އެ ޓީމު ލީގު ހޯދީ 18 ޕޮއިންޓުގެ ފަރަގަކާއެކު އެވެ.

މެޗުގައި ފުލަމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުން އެ ޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ލެމިނާ އެވެ. މީގެއިތުރުން ވެސް އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި މެޗުގައި ލިވަޕޫލް ފެނުނީ ވަރަށް ނެގިމަޑުވެފައި ތިބި ތަނެވެ. ނަމަވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.

ލިވަޕޫލުން މި މެޗުގައި ތަނަވަސްކުރި ފުރުސަތުތަކުގެ ތެރޭގައި ސަޑިއޯ މާނޭ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އަނިޔާއިން ރަނގަޅުވެ މި މެޗުގައި ކުޅެން އެރި ޑިއެގޯ ޖޯޓާ ތަނަވަސްކުރި ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ.

ލިވަޕޫލަށް ދެން މި ހަފުތާގައި ކުރިޔަށްއޮތީ އަންނަ ބުދަދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އާރުބީ ލިޕްޒިގް އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗެވެ. ފުރަތަމަ ލެގު ލިވަޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.