މެޗުން ވެލާ ސްޕޯޓްސް ކުލަބު މޮޅުވާން ދަނިކޮށް މެޗުގެ ފަހުކޮޅު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެސްޓީއޯ އޭދަފުށި ކަޕުގައި އެމްވީ ޔުނައިޓެޑުން ވެލާ ސްޕޯޓްސް ކުލަބު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ އެމްވީ ޔުނައިޓެޑުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން ވެލާ ވަނީ މި މުބާރާތުގައި މިހާތަނަށް މެޗެއް ކުޅެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން އަތުން ވެލާ ވަނީ މޮޅުވެފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެލާ އެވެ. މި ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝާހީ މޫސާ (ހިތޭ) އެވެ. އެމްވީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމް (އައްބި) އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަށް ވެފައިވަނިކޮށް ވެލާ ސްޕޯޓްސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ސަލާމް އެވެ.ވެލާ ސްޕޯޓްސް މެޗުން މޮޅުވާން ދަނިކޮށް އެމްވީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ފާސިރު އެވެ. މިއީ އަހުމަދު ސުހެއިލް އަށް ވެލާ ސްޕޯޓްސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާ ސްޕޯޓްސްގެ ސަލާމް އެވެ.

މިއަދު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ:ރަޔާން ފޮޓޯސް

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ހުސް ސޮނގުން ފުޓްބޯޅަ ޓީމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ލޮޓަސް ފިހާރަ އާއި ޖާޒިއާ އަދި އޭދަފުށީގެ ޖީ9 ޓްރޭޑާސް އިން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކުރާ މުބާރާތުގެ ފޮޓޯ ގްރަފީ ޕާޓްނަރަކީ ރަޔާން ފޮޓޯސް އެވެ.