އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީގެ 21 މެޗުން މޮޅުވުމުގެ ސިލްސިލާ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ނިމުމަކަށް ގެނެސްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑް ކާމިިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑަކާއެކު އެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ ދެވަނައަށް ޖެހިލާފަައެވެ. އެ ޓީމު ދެވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. މީގެތެރެއިން 14 މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އެންމެފަހުނ ޔުނައިޓެޑް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗު ފަށައިގެން ފުރަތަމަ 30 ސިކުންތުގެ ތެރޭގައެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝަލް އަށް ސިޓީގެ ގެބްރިއަލް ޖީސަސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ޔުނައިޓެޑް ކާމިޔާބުކުރި ލަނޑެެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

ޔުނައިޓެޑުގެ ފަހަތް މި މެޗުގައި ފެނުނީ ވަރަށް ހުށިޔާރުކޮށެވެ. މެޗުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިިޔާބުކޮށްދިނީ ލޫކް ޝޯ އެވެ.

މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ މި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. އަދި ލީގު ހޯދުމުގެ އުއްމީދު އަދިވެސް އޮތްކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ބުނީ މި މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންނަށް ކުރާ އުއްމީދު ކުޑަނޫން ކަމަށް ބުނެފައެވެ.