ވޯލްޑް ވެބް ޗެސް އިން އިންތިޒާމްކުރި ފުރަތަމަ "އިންޑިއަން އޯޝަން ޗެސް ބްލިޓްޒް ޓޯނަމެންޓް" ގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ޝުއާއު ރަން މެޑަލް ހޯދައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ފެށި މި މުބާރާތުން ޝުއާއު ރަންމެޑަލް ހޯދިއިރު މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ނޫރު ފާރޫގު ވަނީ ލޯ މެޑަލް ހޯދާފައެވެ. ރާއްޖޭގެ ޤައުމީ ރާޒުވާ ޓީމުގެ 10 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ޖުމްލަ 60 ބައިވެރިން ވަނީ ވާދަކޮށްފައެވެ.

މި މުބާރާތަކީ ބްލިޓްޒް ނުވަތަ ވަކި ވަގުތެއްގެ ތެރޭގައި މެޗު ނިންމަންޖެހޭ މުބާރާތެކެވެ. މުބާރާތުގެ މެޗެއްގެ ދިގުމިނަކީ 3 މިނެޓެވެ.

މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، އިންޑިއާ، ސިންގަޕޫރު، ސައުތް އެފްރިކާ، މަޑަގަސްކާ، ސީޝެލްސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެއެވެ.

މުބާރާތުގެ ތިންވަނަ ހޯދި ދިވެހި ކުޅުންތެރިޔާ

ދުނިޔޭގެ ކުޅިވަރުތައް ކޮވިޑް-19 އާއި އެއްކޮށް ހުއްޓިފައިވާއިރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލައި ޗެސް ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމްއެއްގެ ޒަރިއްޔާއިންނެވެ.

މިއީ ސަރަހައްދީ ރާޒުވާ މުބާރާތެއްގައި ވާދަކޮށް ރާއްޖެއިން ރަންމެޑަލް ހޯދި ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރު ނޮވެމްބަރ މަހުގައި އޭޝިއަން ޗެސް ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ސަރަހައްދީ މުބާރާތެއް ކަމުގައިވާ ސައުތް އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް ޔޫތް އެންޑް ޑިސޭބަލްޑް ޖޫނިއާރސް 2020 މުބާރަތުންވެސް ދިވެހިރާއްޖޭގެ ކުޅުންތެރިތަކެއް ވަނީ ފަހުރުވެރި ވަނަތަކެއް ހޯދާފައެވެ.

އޮންލައިން ޕްލެޓްފޯމްތަކާއިއެކު މި ދަނޑިވަޅުގައި ރާޒުވާގެ ގިނަ މުބާރާތްތަކެއް ކުރިޔަށްދަނީ އޮންލައިންކޮށެވެ.