މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑު ވެއްޖެއެވެ.

ވިއްސާރާގައި ފެންބޮޑުވި ބައެއް ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ، ޏ. ފުވައްމުލަށް، ޅ. ނައިފަރު އަދި ހއ. ގެ ބައެއް ރަށްތައް ހިމެނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރަށް ބޯކޮށް ވާރޭ ވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފެން ބޮޑުވެގެން އެރަށުގެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައި އަދި ޕަމްޕް ބޭނުން ކޮށްގެން މަގުތަކުން ފެން ހިއްކާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން އަންނައިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު، ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 20:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.