ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ނަބީލް ފެކީރް ލިވަޕޫލް އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފެކީރް ގެނައުމާ ގުޅޭގޮތުން ލިވަޕޫލް އާއި ލިޔޯންއާ ދެމެދު މަޝްވަރާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި މި ޓްރާންސްފާ މުޅިން ފުރިހަމަ ވެގެންދާނެއެވެ. އެގޮތުން ފެކީރް ލިވަޕޫލް އަށް ބަދަލުވާނީ ގާތްގަނޑަކަށް 48 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 24 އަހަރުގެ ފެކީރް ލިވަޕޫލް އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިޔޯންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެއާއެކު މި މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑުން ވެސް ފެކީރް އަށް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.

ލިޔޯންގެ ކެޕްޓަންކަން ވެސް ކުރަމުން އައި ފަކީރް އެ ކްލަބާއި ގުޅުނީ 2013 ވަނަ އަހަރުއެވެ.

ފެކީރް ލިވަޕޫލް އަށް ބަދަލުވާއިރު އެ ކްލަބުން ވަނީ މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ އިތުބާރު މިޑްފީލްޑަރު ފަބީނިއޯ ވެސް ދާދިފަހުން ގެނެސްފައެވެ.

މީގެއިތުރުން މިފަހަރުގެ ޓްރާންސްފާގައި ގޯލްކީޕަރެއް ގެނައުމަށް ވެސް ލިވަޕޫލް އިން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.