ޗެލްސީން މި ސީޒަނުގައި ތައްޓެއް ބޭނުންނަމަ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަށް ކުޅެމުން އަންނަ ނޯވޭގެ އުއްމީދީ ފޯވާޑް އާލިން ހާލަންޑް އެ ޓީމަށް ގެންނަން ޖެހޭ ކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޖޯ ކޯލް ބުނެފިއެވެ.

ފްރޭންކް ލަމްޕާޑްގެ މޭސްތިރިކަމުގެ ދަށުން ޗެލްސީން ނެރުނީ ދަށް ނަތީޖާތަކެކެވެ. ނަމަވެސް އާ ކޯޗު ޓުޗެލް ކޯޗުކަމާއި ހަވާލުވިފަހުން ތާވަލުގެ މެދުތެރޭގައި އޮތް ޗެލްސީ ޓީމު ވަނީ ލީގުގެ ގަދަ ހަތަރަކަށް އަރާފައެވެ.

ނަމަވެސް ޗެލްސީއަށް އަދިވެސް ރަނގަޅު ފޯވާޑެއް ބޭނުންވާ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިން ފާހަގަކުރެއެވެ. މީގެތެރެއިން ޖޯ ކޯލް އެންމެ ބޮޑަށް ބޭނުންވަނީ ހާލަންޑް ޗެލްސީއަށް ގެނައުމަށެވެ.

"އޭނައަކީ ޗެލްސީގެ ކުޅުމުގެ ވައްޓަފާޅި ހުރި ކުޅުންތެރިއެއް، ކޮންމެ ފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް، އެއީ ޗެލްސީ ކޮލިޓީގެ މޮޅު ކުޅުންތެރިއެއް" ލީގުގައި ލީޑްސް އަތުން ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ޖޯ ކޯލް ބުންޏެވެ.

ޖޯ ކޯލް ބުނީ ޗެލްސީގައި މިވަގުތު ވެސް ވަރުގަދަ ކުޅުންތެރިން އެބަތިބި ކަމަށާއި އެހެންނަމަވެސް އަދިވެސް ކޮންމެވެސް އެއް ބައެއް ޓީމުގައި މަދުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސާލްސްބާގް އިން ޑޯޓްމަންޑް އަށް ބަދަލުވި ހާލަންޑް އަކީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. އޭނާ ހޯދުމަށް ބޮޑެތި ހުރިހާ ކުލަބުތަކެއް ކަހަލަ ގޮތަކަށް ވަނީ ފައި ވިއްދާފައެވެ. ބެލެވޭގޮތުގައި ބޮޑެތި އަގުތަކެއް ހުށައެޅުމަށް ބާސެލޯނާ، ސިޓީ ފަދަ ކުލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު ހާލަންޑް ވަނީ މިހާތަނަށް އެކުލަބަށް ކުޅެދިން 48 މެޗުގައި 47 ގޯލު ޖަހާފައެވެ. މީގެތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި 12 ގޯލުވެސް ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ދަނީ 80 މިލިއަން ޕައުންޑަށް ހާލަންޑް ގެނައުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މިކަން ވާނީ ޗެލްސީއަށް ބޮޑު ޗެލެންޖަކަށެވެ. އެއީ ލީގުގެ އެހެން ކުލަބުތަކުން ވެސް އޭނާއަށް ބިޑުކުރުމަށް ތައްޔާރުވާތީ އެވެ.