އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް އަނެއްކާވެސް ބަދަލުވާން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ ހަގީގަތަކަށް ވެދާނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރޮނާލްޑޯ އެނބުރި ރެއާލަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ގަދަވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕޯޓޯ އަތުން ބަލިވެ މުބާރާތުން ޔުވެންޓާސް އަލްވަދާއު ކިޔަން ޖެހުމާއި ގުޅިގެންނެވެ. މި ވާހަކަތަކުގެ ތެރެއިން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީވެސް މިއެވެ.

އުމުރުން 36 އަހަރުގެ ރޮނާލްްޑޯއަށް މިމެޗަށްފަހު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ހާއްސަކޮށް ޔުވެންޓަސްގެ ކޯޗާއި އެ ޓީމުގެ ގިނަ ސަޕޯޓަރުންގެ ނުރުހުން ރޮނާލްޑޯއަށް އަމާޒުވިއެވެ. ޔުވެންޓަސް އާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައެވެ. ރޮނާލްޑޯއަށް އަމާޒުވަމުންދާ މި ފާޑުކިޔުންތަކާއި ގުޅިގެން އޭނާ އެ ކުލަބު ދޫކޮށްލަން ބޭނުންވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

"ދެކެވޭ ވާހަކަ ހަގީގަތަކަށް ވެދާނެ، އެންމެންނަށްވެސް އެނގޭ ރޮނާާލްޑޯ، އޭނަ ކިހާވަރެއްގެ މަސައްކަތްތަކެއް ކޮށްދިންކަން މި ޓީމަށް، ބަލަމާ އޭނާ މުސްތަގްބަލުގަ ނިންމާނެ ގޮތެއް، ކޮންމެ ފަދަ ގޮތަކަށްވެސް ކަންކަން ވެގެން ހިނގައިދާނެ" ޒިދާން ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އެ ކުލަބަށް 15 ތަށި ހޯދައިިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެތެރޭގައި ދެ ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ. މީގެއިތުރުން ރޮނާލްޑޯ އަކީ ރެއާލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް ކުޅުނު 438 މެޗުގައި 450 ގޯލު ޖަހާފައެވެ. ނަމަވެސް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވިފަހުން ރެއާލަށް އަދި އެ ޓީމުގެ ކުރީގެ ފޯމު ރަނގަޅަށް ނުދެމެހެއްޓެއެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ރެއާލަށް ކާމިިޔާބުކުރެވުނީ ހަމައެކަނި ތައްޓަކީ މިދިޔަ ސީޒަނުގެ ލީގެވެ. މިއީ އެ ޓީމުގެ ތާރީހުގައި ކާމިޔާބުކުރެވުނު 34 ވަނަ ލީގެވެ.