ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފޯވާޑް ހެރީ ކޭން އެ ކްލަބުގައި އިތުރު ހަ އަހަރަށް މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފިއެވެ.

އާ ކޮންޓްރެކްޓާ އެކު އުމުރުން 24 އަހަރުގެ ކޭން 2024 ވަނަ އަހަރާއި ހަމައަށް ޓޮޓެންހަމްގައި ހުންނާނެއެވެ. މި ކޮންޓްރެކްޓާ އެކު ކޭން އަށް ހަފްތާއަކު 200،000 ޕައުންޑް ލިބޭނެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް އަށެވެ. އެގޮތުން އޭނާ އަށް ހަފްތާއަކު 500،000 ޕައުންޑް ލިބެއެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ކޭން ބުނީ ކޮންޓްރެކްޓް އާކުރެވުމުން އެކަމާ ފަހުރުވެރިވާ ކަމަށާއި ވޯލްޑް ކަޕްގެ ކުރިން ކޮންޓްރެކްޓުގެ ކަންތައްތައް ނިންމާލެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށެވެ.

"ގަވާއިދުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭތީ އެކަމާ އުފާކުރަން. އެ މުބާރާތުގައި އަނެއްކާވެސް ކުޅުމަށް އަހަރެން މިހުރީ ޝައުގުވެރިވެފައި. އަދި ޕްރިމިއާ ލީގާއި އެފްއޭކަޕްގައި ވެސް ދެވެން އޮތް އެންމެ ދުރަކަށް ދިޔުމަށް އަހަރުމެން އަންނަ ސީޒަނުގައި ވެސް މަސައްކަތް ކުރާނަން. މީގެއިތުރަށް ކްލަބަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން" ކޭން ބުންޏެވެ.

ޕްރިމިއާ ލީގުގެ ތިންވަނަ ޓޮޓެންހަމް އިން މިދިޔަ ސީޒަނުގައި ހޯދިއިރު ކޭން ބުނީ މިދިޔަ ސީޒަން ވެސް ދިޔައީ ވަރަށް ރަނގަޅު ގޮތަކަށް ކަމަށާއި ކުރިއަށް އޮތް ވޯލްޑް ކަޕް ވެސް އެފަދަ ގޮތަކަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ކޭން ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 30 ގޯލު ކޭން ކާމިޔާބުކުރިއިރު އޭނާ އަށް އަދި މިހާތަނަށް ޓޮޓެންހަމްއާ އެކު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޭން ވަނީ މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ރަން ބޫޓު ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމްގެ ކޮންޓްރެކްޓް ކޭން އާކުރިއިރު އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ދާދިފަހުން ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ. މީގެއިތުރުން ޓޮޓެންހަމް އިން އަންނަނީ އެ ކްލަބުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި ޑެލެ އަލީގެ ކޮންޓްރެކްޓް ވެސް އާކުރުމަށް މަސައްކަތް ކުރަމުންނެވެ.