ރާއްޖޭގެ ފުޓުބޯޅަ ލީގުގެ ކުޅުން ލަސްވެ، ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑެތި ގެއްލުންވާތީ ކަންބޮޑުވުން ފާޅުކޮށް އެފްއޭއެމްގެ ރައީސް އަނެއްކާވެސް އެ ކުޅުންތެރިންގެ ދިފާއުގައި ތެދުވެއްޖެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މާލޭ ސަރަހައްދުގައި ބޮޑުވުމާއެކު އެޗްޕީއޭއިން ނެރުނު ވަރުގަދަ އުސޫލުތަކާއި ގުޅިގެން ރާއްޖޭގެ ލީގު މެދުކަނޑާލަން ޖެހުނެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިޔަށްދަނިކޮށް ކުޅުން މެދުކަނޑާލީ ފެބްރުއަރީ 3 ގައެވެ.

އެއާއެކު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ އެ ކުޅުންތެރިންނާ ކުލަބުތަކުގެ އާމްދަނީއަށް އޭގެސަބަބުން އަސަރުކުރާތީއެވެ. ގިނަ ދުވަސްތަަކަކަށްފަހު ފަރިތަކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނެވެ. އެއީ އެފްއޭއެމުން ހުށައެޅި އުސޫލުތަކާ އެޗްޕީއޭއިން އެއްބަސްވުމުންނެވެ.

މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެފްއޭއެމުން މިހާތަނަށް ސަރުކާރާއި، ޞިއްޙަތާ ބެހޭ ވުޒާރާ އާއި، ކުޅިވަރާ ބެހޭ ވުޒާރާ އަދި އެޗްޕީއޭއާއެކު ވަރަށް ގިނަ ފަހަރު ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކޮށްފައިވީ ނަމަވެސް، ކުރިމަތިވެފައިވާ މައްސަލައަކަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާކަމަށެވެ.

ފުޓުބޯޅަ ކުޅުންތެރިންނަށް، އެ މީހުންގެ ވަޒީފާއަދާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުލަބުތަކުންނާއި ކުޅުންތެރިން މަސައްކަތްކުރާކަން ފާހަގަކޮށް ބައްސާމް ވިދާޅުވީ ކޮވިޑުގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، އާދަވެގެން ދިވެހިން އަދާކުރާ ގިނަ ވަޒީފާތަކަށާއި، އިޤުތިޞާދީ ހަރަކާތްތަކަށް ޤައުމު ހުޅުވާލާފައިވީ ނަމަވެސް، ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ނެތް މަދު ދާއިރާތަކުގެ ތެރޭގައި ދިވެހި ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅަ ކުލަބުތަށް ހިމެނޭކަމީ ކަންބޮޑުވާންޖެހޭ އަދި އެކަމާ މެދު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުޓްބޯޅަ ކުޅުންތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ބައްސާމް ވަނީ ގޮވާލައްވާފައެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، މި ފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖެއިން ދެ ޓީމެއް ވާދަކުރެއެވެ. އެއީ އަންނަ އޭޕްރީލް މަހު ކޮލިފައިންގައި ވާދަކުރާ ކުލަބު އީގަލްސް އާއި މެއި މަހަށް ތާވަލުކޮށްފައިވާ ގްރޫޕް ސްޓޭޖުން ފުރުޞަތު ހޯދާފައިވާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެހެންކަމުން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަކީ އެ ދެ ކުލަބަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ބައްސާމް ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކަށް ވަރަށް ފުރިހަމައަށް އަމަލުކުރަމުންދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ފުޓްބޯޅަ ލީގު މެދުކަނޑާލުމުން އަނެއްކާވެސް ރާއްޖޭގެ ފުޓްބޯޅައަށް ކުރިއަށްވުރެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް ސަރަޙައްދީ ފެންވަރުގައި ވާދަކުރަން ލިބޭ އޭއެފްސީ ކަޕުގެ މެޗުތައް މިހާރު ކުޅެންޖެހިފައިވަނީ އެއްވެސް ވަރަކަށް ތައްޔާރުވުމެއްނެތި ކަމަށެވެ. އަދި އިންޑިއާ ފަދަ ގައުމުތަކާ ވާދަކޮށް މި މުބާރާތް ބާއްވަން ރާއްޖެއިން ފުރުޞަތު ހޯދި ނަމަވެސް، ދިވެހި ފުޓްބޯޅައަށާއި ކުޅުންތެރިންނަށް މި ލިބުނު ރަނުގެ ފުރުޞަތުގެ ޙަޤީޤީ ފައިދާ ނުލިބިދާނެތީވެ، އެކަމާ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ރާއްޖެއަށްވުރެ ކޮވިޑުގެ ހާލަތު ގޯސް ޤައުމުތަކުންވެސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފުރުޞަތު ދީފައިވާއިރު، ރާއްޖެ ވާދަކުރަންޖެހޭ ޤައުމުތައް ކަމަށްވާ ބަންގްލަދޭޝް އާއި ބޫޓާން އަދި އިންޑިއާގެ ޓީމުތައް އޭއެފްސީ ކަޕަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ދިވެހި ޓީމުތަކަށް އެ ފުރުޞަތު ނެތުމަކީ އެފްއޭއެމުން ހިތާމަކުރާ ކަމެއް ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަށުބާ

    އާޒިމް އާއި ނަޟީދްގެ ބަދަލް ހިފުން. ކުޅިވަރުގެ ދުވަސްވެސް މިއޮތްގެން ދުއްވާލަނީ. މި މޑޕ ބަލާ ވެރިކަމުން މިގައުމު ސަލާމަތް ކޮށްދެއްވާފާންދޭވް

  2. ޖަލީލް

    މީނަމީ އެކަން ކުރަން ލާފަ ހުރިމީހާ! މީނަ އަދި މިގޮވެލި ގޮވަނީވެސް!