އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލުގައި މިރޭ ލެސްޓާ ސިޓީ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކެޓިއިރު ޝެފީލްޑް ބަލިކޮށް ޗެލްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު މުބާާރާތުގެ ސެމީފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއި ސައުތެމްޓަނެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެލްސީއާ މެންޗެސްޓަރ ސިޓީއެވެ. މި މެޗުތައް ކުޅޭނީ އަންނަމަހުގެ 17 އާއި 18 ގައެވެ.

ސެމީފަައިނަލަށް ޗެލްސީ ދަތުރުކޮށްފައިވަނީ ޝެފީލްޑް އަތުން 2-0 އިން މޮޅުވެގެންނެވެ. ޔުނައިޓެޑް އަތުން ލެސްޓާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފަހު މެޗުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިއީ ޔުނައިޓެޑުގެ ފްރެޑް ހެދި ގޯހެއްގެ ފައިދާ ނަގައިގެން ކެލެޗީ އިހެނާޗޯ ކާމިޔާބުކުރި ލަނޑެކެވެ. ހާފު ނިމުމުގެކުރިނއ މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގައި ނަތީޖާ އަނބުރާާލަން ޔުނައިޓެޑުން މި މެޗުގައި ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް މާބޮޑު ތަފާތެއް ނުފެނެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލެސްޓާއިން އަނެއްކާވެސް ލީޑު ނެގިއެވެ. މިލަނޑު 52 ވަނަ މިނެޓުގައި ޔޫރީ ކާމިޔާބުކޮށްދިން އިރު، ލެސްޓާއަށް ސެމީ ކަށަވަރުވި ގޯލު 78 ވަނަ މިނެޓްގައި ޖަހައިދިނީ އިހެނާޗޯ އެވެ.

ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕްގެ ސެމީގައި ކުޅުނީ 1982 ވަނަ އަހަރު އެވެ.