މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ކުޅުވަނީ ފޫހި ފުޓުބޯޅައެއް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޮލްޓް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ފޫހި ފުޓުބޯޅަ ކުޅެނީ މޮރީނިއޯގެ ސަބަބުން ކަމަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ބޮލްޓް ބުނިއިރު އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ބޮޑު ސަޕޯޓަރެކެވެ.

އިނގިރޭސި ލީގު އަދި ޔޫރަޕުގެ މުބާރާތް ތަކުގައި މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބީއެއް ލިބިފައިނުވާއިރު ސޮކާ ފޯ އެއިޑް މެޗުގެ ކުރިން ބޮލްޓް ބުނެފައިވާ ގޮތުން ސީޒަން ފަށައިގެން ޔުނައިޓެޑުން އައީ ރަނގަޅަށް ކަމަށާއި ފަހުން އައިސް ފޫހި ވެއްޖެ ކަމަށެވެ.

"އަހަރެން އަބަދުވެސް ދެކެން ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑުން އެޓޭކިން ފުޓުބޯޅައެއް ކުޅޭތަން. އެކަމަކު އެއީ މޮރީނިއޯގެ ސްޓައިލް" އަށް ފަހަރު އޮލިމްޕިކް މެޑަލް ހޯދި ބޮލްޓް ބުންޏެވެ.

މީގެއިތުރުން ބޮލްޓް ވަނީ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެ ކްލަބުގައި މަޑުކުރުމަށް ވެސް އެދިފައެވެ.

2006 ވަނަ އަހަރު އުފެއްދި ސޮކާ އެއިޑްގެ މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މިހާތަނަށް ސޮކާ އެއިޑް އިން ވަނީ 24 މިލިއަން ޕައުންޑު މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހާލުގައި ޖެހިފައި ތިބި ކުޑަ ކުދިންނަށް އެހީ ވުމުގެ ގޮތުން ހޯދާފައެވެ.