ލިޔޯން އަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ނަބީލް ފެކީރް ލިވަޕޫލް އަށް ވިއްކާލަން ލިޔޯން އިން ދެކޮޅު ހަދައިފިއެވެ.
ލިޔޯން އިން ފެކީރް ވިއްކާލަން ދެކޮޅު ހެދިއިރު، ފެކީރްގެ ޓްރާންސްފާއާ ގުޅޭގޮތުން ލިވަޕޫލް އާއި ލިޔޯންއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ލިވަޕޫލްގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ވޯލްޑް ކަޕްގެ ކުރިން މި ޓްރާންސްފާ ފުރިހަމަ ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ލިޔޯން އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެކީރްގެ ޓްރާންސްފާއާ ގުޅޭގޮތުން ލިވަޕޫލްއާއެކު ކުރި މަޝްވަރާތަކަށް ކާމިޔާބީއެއް ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެ މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އަދި އަންނަ ސީޒަނުގައި ލިޔޯން އިން ޗެމްޕިއަންސް ލީގުގައި ކުޅޭއިރު ފެކީރް އެ ކްލަބުގައި މަޑުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފެކީރް ވިއްކާލަން ލިޔޯން އިން ދެކޮޅު ހެދިއިރު މިކަމާ ގުޅޭގޮތުން ލިވަޕޫލް އިން އަދި އެއްޗެކޭ ބުނެފައެއް ނުވެއެވެ.
އުމުރުން 24 އަހަރުގެ ފެކީރް ގެންނަން ލިވަޕޫލް އިން މަސައްކަތް ކުރިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިޔޯންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެއާއެކު މި މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑުން ވެސް ފެކީރް އަށް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.
ލިޔޯންގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ފަކީރް އެ ކްލަބާއި ގުޅުނީ 2013 ވަނަ އަހަރުއެވެ.