ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ފްރާންސް އެއްވަރުވިއިރު އުނދަގޫތަކަކަށްފަހު ސްޕެއިން މޮޅުވެއްޖެއެވެ.

ފްރާންސް ރޭ އެއްވަރުވީ އެމެރިކާ އާއި ބައްދަލުކޮށް 1-1 އިންނެވެ.

ފްރާންސް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެމެރިކާ އިންނެވެ. ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ މި ގޯލު އެމެރިކާ އަށް ކާމިޔާބުކޮށްދިނީ ޖޫލިއަން ގްރީންއެވެ.

މެޗުގެ ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރުމަށް ފްރާންސް އިން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ފްރާންސް އަށް ވަނީ ލީޑުނަގަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން ނަބީލް ފެކީރް ފޮނުވާލި ހިލޭޖެހުމެއް އެމެރިކާގެ ކީޕަރު ދިފާއުކުރިއިރު މެޗުގެ ފަހުވަގުތުކޮޅުތެރޭ ޑެމްބެލޭ ފޮނުވާލި ހަމަލާ ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސްޕެއިން ރޭ އުނދަގޫތަކަކަށްފަހު މޮޅުވީ ޓިއުނީޝިޔާ އާއި ބައްދަލުކޮށް 0-1 އިންނެވެ. ސްޕެއިންގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ކުޅުނުއިރު ފުރަތަމަ ހާފްގައި އެޓީމަށް ވަނީ ޓިއުނީޝިއާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ޓިއުނީޝިއާ އިން ރަނގަޅު ޑިފެންސިވް ކުޅުމެއް ރޭގެ މެޗުގައި ދެއްކިއިރު ކައުންޓަ އެޓޭކުތަކުގައި އެޓީމުން ދިޔައީ ސްޕެއިންގެ ގޯލަށް ކޮންމެވެސް ވަރަކަށް ނުރައްކާ ކުރަމުންނެވެ. މި މެޗުން ސްޕެއިން މޮޅުވި ގޯލު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަސްޕާސްއެވެ.

ރޭގެ މޮޅާއެކު ސްޕެއިން އިން މިހާރު ވަނީ ބަލިނުވެ ޖުމްލަ 20 މެޗު ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުތަކަކީ ވޯލްޑް ކަޕްގެ ކުރިން ފްރާންސް އާއި ސްޕެއިން ކުޅުނު ފަހު މެޗުތަކެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްޕެއިން އިން ޕޯޗުގަލް އާއި ބައްދަލުކުރާއިރު ފްރާންސް ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ.