ސޮބާހު މުހައްމަދު - ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ގްރީން ސްޓްރީޓުގެ ޓީމުން ސައިޒެއް ނޯޅޭ ކަމަށް އެ ކްލަބުގެ ކޯޗް ސޮބާޙު މުހައްމަދު (ސޮބާ) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ޓީސީ އާއި ދެކޮޅަށް ގްރީން ސްޓްރީޓުން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސޮބާ ބުނެފައިވަނީ ފުރަތަމަ ބުރުން 3 ވަނަ މަގާމު އެ ޓީމަށް ލިބުނު ކަމުގައި ވިޔަސް  ގްރީން ސްޓްރީޓުން ސައިޒެއް ނޯޅޭ ކަމަށާއި އެޓީމު އޮތީ ހަމަ ބިމުގައި ކަމަށެވެ.

ދެންވެސް ކުރާނީ މަސައްކަތް ކަމަށާއި ކޮންމެ މެޗަކީވެސް ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން އެދުވަހެއްގެ ބެސްޓު ކުޅުންތެރިން އެ މެޗަކަށް ދީފި ކަމުގައި ވަނީނަމަ މި ލީގުގައި މި ޓީމުން ބޭނުންވާ ހިސާބަށް ދެވޭނޭ ކަމަށް ސޮބާ ބުންޏެވެ. އަދި މިވަގުތު ތާވަލުގެ ތިން ވަނާގައި އޮތް ނަމަވެސް އެއީ ގްރީން ސްޓްރީޓުން އޮންނަން ޖެހޭ ހިސާބު ނޫން ކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓުން ވަނީ ފުރަތަމަ ބުރުގައި ޓީސީގެ އިތުރުން ވިކްޓްރީ ފަދަ ބޮޑެތި ކްލަބްތައް ބަލިކޮށްފައެވެ. މާދަމާގެ މެޗައް މަދުވެގެން ޕޮއިންޓެއް ހޯދުމުގެ އަޒުމުގައި ނިކުންނަ ގްރީންސްޓްރީޓުން އެއްވެސް ގޮތަކަށް ދުލެއް ނުދޭނޭކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ. މި ޕްރެސް ކޮންޕެރަންސްއަށް ޓީސީ އިން ހާޒިރުވެފައެއް ނުވެއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަން ހަވީރު ވާދަ ކުރާނީ 3 ވަނާގައި އޮތް ގްރީންސްޓްރީޓް އާއި 5 ވަނާގައި އޮތް ޓީސީއެވެ. އަދި ދެވަނަ މެޗުގައި މާދަން ރޭ ވާދަކުރާނީ ވެލެންސިއާ އާއި ނިއު ރޭޑިއަންޓެވެ.

ADS BY ASTERS

Comments are closed.