ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނައަށް ވެލެންސިއާ ޖެހިލިއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ކުލަބް ގްރީންސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވީ 3-0 ނަތީޖާއަކުންނެވެ. މެޗުގައި ވެލެންސިއާ ގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިފަހަރުގެ ޓްރާންސްފާގައި އެޓީމާ އަލަށް ގުޅުނު ފޯވާޑް ބޯހަސް މާޓިން އެވެ. އޭނާ މި ލަނޑު ޖެހީ އަލީ އަޝްފާާގު (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ވެެލެންސިއާ އިން ލީޑު ފުޅާކުރި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބޯހަސް މާޓިން އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ވެލެންސިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ދަ ގްރާންޑޭ އާއި އީގަަލްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ އެފްއޭއެމް

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެނެއް ނުދެއެވެ. ދެވަނަ ހާފުގައި ދެ ޓީމުންވެސް ލަނޑު ޖެހިއިރު ، މި ހާފުގެ 12 ވަނަ މިނެޓުގައި އީގަަލްސް ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނެވެ. ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަކުރި ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޔާޒް އަޙްމަދު (އަޔާ) އެވެ.

މި މެޗުތަކާއެކު ކުލަބް ގްރީންސްޓްރީޓްސް އަތުން ހޯދި މޮޅާއެކު ވެލެންސިޔާއިން އަލުން ދެވަނައަަަށް ޖެހިލީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގަައެވެ.