މި ސީޒަނަށްފަހު އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީ ދޫކޮށްލަން އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިޔާ ސާޖިއޯ އަގުއެރޯ ނިންމައިފިއެވެ.

ދިހަ އަހަރަށްފަހު އުމުރުން 32 އަހަރުގެ ފޯވާޑް ސިޓީ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާއާއެކު ސިޓީގައި ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ އެވެ. އަގުއޭރޯ އެއްބަސްވުން އާނުކުރާނެ ކަން ހާމަކޮށްފައިވަނީ ހޯމަދުވަހު އެވެ. ކުލަބު ދޫކޮށްލަން ބޭނުންވި ސަބަބެއް އޭނާ ހާމަނުކުރި ނަމަވެސް ފަހަކަށް އައިސް އަނިޔާގެ މައްސަލަ ބޮޑުވެ އޭނާއަށް ރަނގަޅަށް ނުކުޅެވެއެވެ.

ސިޓީގެ އިސް އޮފިޝަލުން ވަނީ އަގުއެރޯ އެ ކުލަބަށް ކޮށްދިން ކަންކަން އަގުވަޒަންކޮށް އޭނާގެ ހަނދާނުގައި މޮނިއުމަންޓެއް ބަހައްޓަން ނިންމާފައެވެ. މީގެކުރިން ޑޭވިޑް ސިލްވާ އާއި ވިންސެންޓް ކޮމްޕެނީގެ މޮނިއުމަންޓެއް އެ ކުލަބުން ވަނީ ބަހައްޓާފައެވެ.

ސިޓީގެ ލެޖެންޑެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އަގުއެރޯ ވަނީ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގަައި ބުނީ ސިޓީގައި އަގުއެރޯ ހޭދަކުރި ދުވަސްތަކުގައި އޭނާ ކޮށްދިން ހިދުމަތްތައް އަގު ނުކުރެވޭނެ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއެރޯ ހޯދުމަށް ބާސެލޯނާއިން މަސައްކަތްކުރެއެވެ. އެއީ މެސީގެ ބަދަލުގައި ގެންނަ ކުޅުންތެރިއެއްގެ ގޮތުގައި ވާހަކަދެކެވެމުން އަންނައިރު، މެސީ އެ ކުލަބުގައި މަޑުކުރާ ނަމަ އަގުއެރޯ ނުގެންނާާނެ ކަމަށް ވާހަކަދެކެވެއެވެ.

މެންޗެސްޓަރ ސިޓީއަށް 2011 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ ސިޓީއަށް ހަތަރު ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްދީފައެެ. އަދި އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި އެ ކުލަބަށް 384 މެޗު ކުޅެދީ 257 ލަނޑު ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިމްޒިމް

    މިފަހަރު 5 ވަނަ ފަހަރަށް ޕްރެމިއަރލީގް އަގުއެރޯއަށް ލިބޭނެ... ޕީއެލް ދޫކޮށް އަގުއެރޯދާތީ ލިވަރޕޫލް ސަޕޯޓަރެއްގެ ހައިސިއްޔަތުން ދެރަވޭ.. ޙަޤީޤަތުގައިވެސް ވަރަށް މޮޅު ހަލުވި ފޯވާޑެއް އަގްއެރޯއަކީ..