ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާާބުކޮށްދިން ހަމައެކަނި ލަނޑާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

މި މޮޅާއެކު މާޒިޔާ ވަނީ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. މާޒިޔާ އާއި އެންމެ ކައިރިން ވެލެންސިއާ އޮތީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ.

ނިމުނު ޓްރާންސްފަރ މާކެޓުގައި ދެ ޓީމަށްވެސް ގެނައި ބައެއް ބިދޭސީ ކުޅުންތެރިން މި މެޗުގައި ފެނިގެންދިޔަ އެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މާޒިޔާާއިން ތަނަވަސްކުރި އެވެ.

މެޗުގައި މާޒިޔާއިން ލަނޑު ޖަހާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ލަނޑު ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްފައިވަނީ ޔޫވީގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑަށްފަހު ވެސް މާޒިޔާއަަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މީގެެތެރެއިން މި ހާފުުގައި ކުޅެން އެރި އަސަދުﷲ އަބްދުﷲ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ މާޒިޔާ ކަހަލަ ޓީމާކާ ދެކޮޅަށް ކުޅެގެން މިއީ ގޯސް ނަތީޖާއެއް ނޫން ކަމަށާއި ބޭނުންވި ގޭމު ކުޅުންތެރިން ކުޅެފައިވާ ކަމަށެވެ. އަދި ހަމްޕު ޖެހި ކޮލިޓީ ގޯލު ފާހަގަކޮށް ސާންތި ބުނީ މި ނަތީޖާއާއެކު ޔޫވީއަށް ރަނގަޅު ސްކޮޑެއް އޮތުމުގެ މުހިއްމުކަން އިހުސާސްވި ކަމަށެވެ.

މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނީ ދަނޑުގެ ހާލަތުން އެންމެ ބޭނުންވި ގޮތަށް މި މެޗުގައި ޓީމު ލައްވާ ނުކުޅެވުނު ކަމަށާއި މި ނަތީޖާއަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭން

    ކިހިނެއްތަ މިހާރު ދަނޑަށް ވަދެ ވޭނީ؟ ހަމަ ގޮސް ވަންނަން ވީތަ؟ ޓިކެޓް ނަގައިގެން ތަ؟ ކޮންމެވެސް ކުއްޖަކު ބުނެދީބަލަ😭 މަ ބޭނުން މެޗް ބަލަން ދާން☺️