ވޯލްޑްކަޕްގެ ޔޫރަޕިއަން ކޮލިފިކޭޝަނުގެ ގްރޫޕް ޖޭގައި ނޯތު މެސެޑޯނިއާ އަތުން ވަރުގަދަ ޖަރުމަނު ބަލިވެއްޖެއެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ޖަރުމަނުން ކޮލިފައިންގައި ދަމަހައްޓަމުން އައި 35 މެުޗން ބަލިނުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. އަދި މިއީ 2001 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ ކޮލިފައިން މެޗަކުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނޯތު މެސެޑޯނިއާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެސެޑޯނިއާ އިން ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވް އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުގައި ނޯތު މެސެޑޯނިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާާބުކޮށްދިނީ އެލްޖިފް އެލްމަސް އެވެ.

މި މެޗުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އާމީނިއާއެވެ. އެގޮތުން އާމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

ކޮލިފިކޭޝަނުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އިތުރު މެޗުތަކަށް ބަަލާއިރު ގްރޫޕް އައި ގައި އިންގްލޭންޑް ވަނީ ޕޮލެންޑް 2-1 އިން ބަލިކޮށްފައެވެ. ގްރޫޕް ޑީގައި ފްރާންސުން 1-0 އިން ބޮސްނިއާ ބަލިކުރިއިރު ސްޕެއިން ވަނީ ގްރޫޕް ބީގައި 3-1 އިން ކޮސޯވޯ ބަލިކޮށްފައެވެ.