ވޯލްޑްކަޕް ކޮލިފައިންގައި ސާބިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ ފަހުކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑު ރެފްރީ ބަލައިނުގަތުމުން އެއްލާލި ކެޕްޓަން ބޭންޑް ނީލަމަށްލައިފި ިއެވެ.
ރޮނާލްޑޯ ބޭނުންކުރި ކެޕްޓަން ބޭންޑް ނީލަަމަށް ލާފަައިވަނީ އުމުރުން ހަ މަހުގެ ކުޑަކުއްޖެއްގެ މައިބަދައިގެ ސާޖަރީއަކަށް ފައިސާ ހޯދުމަށެވެ. މި ކެޕްޓަން ބޭންޑް ހޮވާފައިވަނީ މެޗަށްފަހު ސްޓޭޑިއަމުގައި ހަރަކާތްތެރިވި ސްޓާފެކެވެ. އަދި ނީލަމަށް ލާފައިވަނީ ވެސް އޭނާއެވެ.
ސާބިއާ އާއި ދެކޮޅަށް ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޮނާލްޑޯ ޖެހި ގޯލު ގަބޫލުނުކުރުމާއެކު ހިތްހަމަނުޖެހުން ފާޅުކޮށް ރޮނާލްޑޯ ވަނީ ކެޕްޓަން ބޭންޑު އެއްލާލާފައެވެ. މެޗަށްފަހު ރޮނާލްޑޯ އެ ބޭންޑް ނަގާފަައެއް ނުވެއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ރޮނާލްޑޯ ވަނީ އެ ރުޅީގައި ދަނޑުން ފައިބާފައެވެ.
މިހާތަނަށް ގިނަ ބަޔަކު މި ކެޕްޓަން ބޭންޑު ހޯދުމަަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ. އަދި ރޮނާލްޑޯއަށް މި މައުލޫމާތު ލިބުމުން އިތުރު އެހީތަކެއް ދޭން އޭނާ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯގެ މި އަމަލާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. ނޫކުލައާއި ހުދުކުލައިގެ މި ކެޕްޓަން ބޭންޑް ހޯދުމަށް ނީލަން ކިޔާނީ ތިން ދުވަހަށެވެ. މި ތިން ދުވަހުން އެންމެ ބޮޑު އަގު ހުށައަޅާ ފަރާާތަކަށް ކެޕްޓަން ބޭންޑް ލިބިގެންދާނެ އެވެ.

މި މެޗުގައި ރޮނާާލްޑޯ ޖެހި ގޯލު ރެފްރީ ބަލައިނުގަތް ނަމަވެސް ރިިޕްލޭތަކުން ފެންނަ ގޮތުގައި މި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވެއެވެ. ގޯލެއްކަމަށް ބަލައިނުގަތް އިރު، މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްފައެއް ނުވެއެވެ.