މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް އަޔަކްސްއަށް ކުޅެދިނުމަށް ފަހު ޒުވާން ކްލެއިވާޓްގެ ބައްޕަ އާއި ދެކޮޅަށް ރޯމާއަށް ބަދަލުވާން އޭނާ ނިންމައިފިއެވެ. ޖަސްޓިން ކްލެއިވާޓް ރޯމާ އަށް ބަދަލުވާނެ ކަން 90 ޕަސެންޓު ޔަގީން ވެފައި ވާކަމަށް ގިނަ ރިޕޯޓު ތަކުން ބުނެއެވެ. ނަމަވެސް ކްލެއިވާޓްގެ ބައްޕަ އެދެނީ އަދިވެސް އަޔަކެސްގައި އޭނާ މަޑުކުރުމަށެވެ.

19 އަހަރުގެ ކްލެއިވާޓް ވަނީ މިދިޔަ ސީޒަނުގައި އަޔަކްސް އަށް 10 ގޯލު ކާމިޔާބު ކޮށް ލީގުގައި 5 އެސިސްޓު ކޮށްދީފައެވެ. ނިމިގެން ދިޔަ ސީޒަނުގައި އޭނާގެ 'ޑްރިބްލިން' ހުނަރާއި ޖުމްލަގޮތަކަށް އޭނާގެ ކުޅުން ރީތި ވުމުގެ ސަބަބުން ދުނިޔޭގެ ބޮޑު ކްލަބުތަކުން ކްލެއިވާޓު ގެންނަން ވަނީ މަސައްކަތް ކޮށްފައެވެ.

ރިޕޯޓު ތަކުން ބުނާ ގޮތުގައި ރޯމާ އިން އަންނަނީ ކްލެއިވާޓް ގެނައުމަށް 18 މިލިއަން ޔޫރޯ ދޭން ތައްޔާރު ވަމުންނެވެ. ނަމަވެސް އޭސީ މިލާން އަށް ކުޅެފައިވާ އޭނާގެ ބައްޕަ ގަބޫލު ކުރާގޮތުގައި ކްލެއިވާޓް އެހެން ކްލަބަކާއި ގުޅެން ތަންކޮޅެއް އަވަހެވެ. އީ އެސް ޕީއެން އަށް މައުލޫމާތު ދެމުން ކްލެއިވާޓު ސީނިއާ ބުނެފައިވަނީ އިތުރު އެއް އަހަރު އަޔަކްސްގައި މަޑު ކުރުމަކީ ކްލެއިވާޓް އަދި ޓީމަށް ވެސް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށެވެ.

"ކްލެއިވާޓް އަށް 19 އަހަރު ވެއްޖެ، މިހާރު އަމިއްލަ ނިންމުން ތައް ނިންމެން ޖެހޭ ވަރަށް ބޮޑު ވެއްޖެ، ބައްޕައެއްގެ ހައިސިއްޔަތުން ކްލެއިވާޓު ނަގާ ކޮންމެ ނިންމުމަކަށްވެސް އެހީތެރިވާން ޖެހޭނެ، އަހަންނަށް ހީވަނީ އޭނާ އަޔަކްސް ދޫކޮށްލާނެހެން، 90 ޕަސެންޓު ޔަގީން،" ކްލެއިވާޓްގެ ބައްޕަ ބުންޏެވެ.