ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި މިރޭ ބާސެލޯނާއާއި ޗެލްސީ ބައްދަލު ކުރާ މެޗުގެ ރެފްރީއަކަށް 2012 ވަނަ އަހަރު ބާސެލޯނާއާއި ޗެލްސީ ބައްދަލު ކުރި މެޗުގައި ޗެލްސީގެ ކެޕްޓަން ޓެރީއަށް ނުހައްގު ރަތްކާޑެއް ދެއްކި ސިއުނެޓް ސަކިރް ހަމަޖައްސައިފިއެވެ.

ތުރުކީއަށް އުފަން އުމުރުން 42 އަހަރުގެ ސަކިރް އަކީ ބާސެލޯނާއާއި ޗެލްސީ ބައްދަލުކުރާ މެޗުތަކަށް އައު ރެފްރީއެއް ނޫނެވެ. އެގޮތުން މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ބާސެލޯނާއާއި ޗެލްސީ ބައްދަލުކުރި މެޗުތަކުގެ ރެފްރީކަން ވެސް ކޮށްދީފައިވަނީ ސަކިރް އެވެ.

ސަކިރް ބުނެފައިވާ ގޮތުގައި ރެފްރީކަން ކުރާއިރު އޭނާއަށް ނިންމޭ ނިންމުންތަކާއި މެދު ފަހުރުވެރިވެއެވެ. ނަމަވެސް ދުނިޔޭގެ ތަޖުރިބާކާރު ގިނަ ރެފްރީންނާއި ކޯޗުންގެ ފާޑު ކިޔުން ވަނީ ސަކިރް އަށް އަމާޒުވެފައެވެ. ރިޝްވަތު ހިފި ކަމުގެ ތުހުމަތުވެސް މީގެ ކުރިން ކޮށްފައިވާ ސަކިރް އަކީ ގޯސް ނިންމުންތަށް ނިންމާ ރެފްރީއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ 2013-2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގްގައި މެންޗެސްޓާ ޔުނައިޓެޑްއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި އޭނާ ހެދި ގޯސްތަކެވެ. އެގޮތުން އެމެޗުގައި އޭނާ ވަނީ ނުކުރާ ފައުލް އަކަށް މެންޗެސްޓާގެ ނާނީއަށް ރަތްކާޑު ދައްކާފައެވެ. އަދި މެންޗެސްޓާއަށް ލިބެން ޖެހޭ ދެ ޕެނެލްޓީ ވެސް ވަނީ ނުދީ ހިފަހައްޓާފައެވެ.

ސަކިރްގެ ރެފްރީގެ ހަޔާތުގައި ގޯސް ނިންމުން ތަކެއް ނިންމައިފައި ވުމުން މިއަދު އަނެއްކާވެސް ސަކިރްގެ ރެފްރީ ކަމުގައި ބާސެލޯނާއާއި ޗެލްސީ ބައްދަލުކުރާއިރު މިއީ ދެޓިމަށް ވެސް ލިބޭނެ ނުތަނަވަސް ކަމެކެވެ. ހާއްސަކޮށް ޗެލްސީގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތް ދަތި ކަމެއްވެސް މެއެވެ.