ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް އިން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި އޮސްޓްރިއާގެ މައްޗަށް 0-3 އިން ކުރި ހޯދައިފިއެވެ.

އޮސްޓްރިއާގެ ވިއެނާގައި ރޭ ކުޅުނު މި މެޗުގައި ބްރެޒިލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސްއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ނޭމާ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ބްރެޒިލްގެ ތިންވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ.

މި ދެ ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ބްރެޒިލް އަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ފަމީނޯ ފޮނުވާލި ހަމަލާ އޮސްޓްރިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.'

މި މެޗުގައި އޮސްޓްރިއާ އަށް ބްރެޒިލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

ރޭގެ މެޗަކީ ބްރެޒިލް އިން ބަލިނުވެ ހަމަކުރި 11 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ވޯލްޑް ކަޕްގައި މިފަހަރު ލައްވާލާފައިވަނީ ގްރޫޕް އީގައެވެ. ބްރެޒިލްގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ސްވިޒަލޭންޑާއި ކޮސްޓަރީކާގެ އިތުރުން ސާބިއާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.