ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗު ދެ ޓީމަށްވެސް ލަނޑެއް ނުޖެހި ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސާ ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ޕޮއިންޓަކާއި ގާތްކޮށްފައެވެ. އެއްވަނައިގައި އެތްލެޓިކޯ އޮތީ 66 ޕޮއިންޓާއެކު އެވެ. މި މޮޅާއެކު ބާސާ އޮތީ ދެވަނައިގައި 65 ޕޮއިންޓާއެކު އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. މީގެތެރޭގައި ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުން ވަޔަޑޮލިޑގެ ކޮޑްރޯ އަށް ލލިބުނނު ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ.

ލަނޑު ޖެހުމަށްފަހު ބާސާ ކުޅުންތެރިން އުފާފާޅުކުރަނީ

މެޗުގެ 75 ވަނަ މިނެޓުގައި ވަޔަޑޮލިޑްގެ އޮސްކާއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. އޭނާއަަށް ކާޑު ދައްކާފައިވަނީ ޑެމްބެލޭއަށް ކުރި ނުރައްކާ ފައުލް އަކާއި ގުޅިގެންނެވެ. އެއާއެކު ކމެޗުގެ ބާކީ އތް ބައި އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުނުއިރު، މީގެ ފައިދާ ބާސާއިން ވަރަށް ބޮޑަށް ނެގިއެވެ. ހާއްސަކޮށް ފަހުކޮޅު އިދިކޮޅު ގޯލަށް ބާރުބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބާސާ މޮޅުވި ލަނޑު ޑެމްބެލޭ ޖަހާފަައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ.

ލީގުގައި ކުރިޔަށް ދެން އޮތީ ރެއާޅް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިއީ މި ދެ ޓީމަށްވެސް މުހިއްމު މެޗަކަށް ވާނެއެވެ.