މާދަމާ ހަވީރު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ކުލަބް އީގަލްސްއާއި ދެކޮޅަށް ކުޅޭ މެޗުގެ ހުރިހާ ފައިދާއެއް އޮތީ އީގަލްސްއަށް ކަމަށްވިޔަސް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީގެ ކޯޗު ނަވަން ދެންޑަޕް ބުނެފިއެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ބޫޓާން ޓީމު ވަނީ އަވައްޓެރި އިންޑިއާގައި އެ ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާގެ އެހީގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އެއީ ރާއްޖޭގެ ހޫނު މާހައުލަށް ހޭނުމުގެ ގޮތުން ބޭއްވި ކޭމްޕެކެވެ.

މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދެންޑަޕް ބުނީ މެޗު މާލޭގައި ކުޅެން ޖެހުމަކީ އީގަލްސްއަށް އޮތް ފައިދާއެއް ކަމަށާއި ރާއްޖެއަކީ ހޫނު ގައުމެއް ކަމުން މެޗަށް އައުމުގެ ކުރިން އިންޑިއާގެ ކަލްކަތާގައި ބޭއްވި ފަރިތަކުރުންތަކުގެ ސަބަބުން އެކަމަށް ފަސޭހަތަކެއް ވެފައިވާ ކަމަށެވެ.

ކޯޗު ބުނީ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، މެންޓަލީ ވަރުގަދަ ވެއްޖެނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމަށާއި، އެހެންކަމުން އީގަލްސްއަށް ދޫ ނުދޭނެ ކަމަށެވެ. އަދި އީގަލްސްއާއި ގުޅޭގޮތުން މާ ގިނަ ކަންކަން ނޭނގޭ ކަމަށާއި ލީގުގައި އަަދި އީގަލްސްއަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނަސް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

ކުލަބް އީގަލްސްއިން ވަނީ ދާދިފަހުން ތިން ބިދޭސީ ކުޅުންތެރިން ގެނެސްފައެވެ. އެއާއި ހިލާފަށް ބޫޓާން ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިއަކު ނުހިމެނެއެވެ. ބޫޓާން ޓީމުން ވަނީ އެ ޓީމުގެ ފަރިތަކުރުންތައް މިއަދު މާލޭގައި ބާއްވާފައެވެ.

މެޗުގެ ކުރިން ބޫޓާންގެ ތިމްޕޫ ޓީމުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗު ޤައުމީ ފުޓްބޯޅަ ދަނޑުގައި ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    ދަނޑަށް ވަދެ ވޭ ގޮތް ހަދާބަލަ😭😭😭