އިނގިރޭސި ނޮން ލީގު 2017/2018 ވަނަ އަހަރުގެ ވިމްބަލްޑަން އެންޑް ޑިސްޓްރިކް ލީގުގެ ފުރަތަމަ ޑިވިޝަންގެ 3 ވަނަ އަލީ ވަހީދު ކޯޗުކަން ކޮށްދޭ ޓީމު ކަމަށްވާ ސައުތް ލަންޑަން ފުޓްބޯލް ނެޓްވޯކް (އެސް.އެލް.އެފް.އެން) އަށް ލިބިއްޖެއެވެ.

އެޓީމަށް ލީގުގެ ތިންވަނަ މަގާމު ލިބުނީ 18 މެޗު ކުޅެ 30 ޕޮއިންޓު ހޯދައިގެންނެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި މީގެ ކުރިން ފުންނާބު އުސް ފަރާތެއް ކަމަށްވާ އަލީ ވަހީދު އެސް.އެލް.އެފް.އެން ގައި ހޯދަމުން އަންނަ ކާމިޔާބީއަަށް އެ ނެޓްވޯކުން ވަަނީ ތައުރީފު ކޮށްފައެވެ. އެގޮތުން އެ ނެޓްވޯކްގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ އަލީ ވަހީދު ރެފިއުޖީއެއްގެ ގޮތުގައި އިނގިރޭސިވިލާތަށް އައިސް ޗެމްޕިއަނަކަށް ވެފައިވާކަމަށް ބުނެ އޭނާއަށް ތައުރީފު ކޮށްފައެވެ.

އަދި އިނގިރޭސިވިލާތުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ލެވެލް 1 އަދި ލެވެލް 2 ކޯޗިން ލައިސަންސް އޭނާ ހާސިލުކޮށްފައިވާކަން ފާހަގަކޮށް ސީޒަން ނިންމާލީ ޗެމްޕިއަނެއްގެ ގޮތުގައި ކަމުގައި އެ ނެޓްވޯކުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ކޯޗިންގ ލައިސަންސް ފުރިހަމަކުރި ފުރަތަމަ ދިވެހި ރައްޔިތަކީ އަލީ ވަހީދުކަން ފާހަގަކޮށްލެވެއެވެ.

އަލީ ވަހީދަކީ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަމާއި، ނިއު ރޭޑިއަންޓް ފުޓްބޯލް ކްލަބުުގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާއި ގުޅިގެން ޖަލަށް ލުމަށް ފަހު އިނގިރޭސިވިލާތައް ފިއްލެވި އަލީ ވަހީދު މިހާރު ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި އޭނާ އަކީ މިހާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު