ފްރެންޗް ލީގުގައި މިދިިޔަ ހޮނިހިރު ދުވަހު ލިލް އަތުން ޕީއެސްޖީ ބަލިވި މެޗުގައި ރަތްކާޑު ދެއްކުމަށްފަހު ހަމަނުޖެހުން ހިންގި މައްސަލައިގައި ޕީއެސްޖީގެ ތަރި ނޭމާ ދެ މެޗަށް ސަސްޕެންޑުކޮށްފި އެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާއަށް ރަތް ކާޑެއް ދައްކާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ދެވަނަ ރީނދޫ ކާޑާއެކު ނޭމާއަށް ރަތެއް ދެއްކީ އިތުރު ވަގުތުގައި ލިލްގެ ޑިފެންޑަރު ޓިއާގޯ ޑިޔާލޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އެއާއެކު ނޭމާގެ އިތުރުން ޑިޔާލޯއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މިއީ މި ފަހަރު ލީގުގައި އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ. މީގެކުރިންވެސް އެތަކެއް ފަހަރު މަތިން ނޭމާއަަށް ވަނީ ރަތްކާޑު ދައްކާފައެވެ. އަދި ދަނޑުމަތީގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ އެތަކެއް ކަމެއް އޭނާގެ ކިބައިން މީގެކުރިން ފެނިފައިވެއެވެ.

ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން މި ނިންމުން ނިންމިއިރު ޑިޔާލޯ ވެސް ވަނީ އެއް މެޗަށް ސަސްޕެންޑުކޮށްފައެވެ.

މި ނިންމުމާއެކު އަންނަ ހޮނިހިރު ދުވަހު ސްޓްރަސްބާގް އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި ސެން އެޓިއެން އާއި ދެކޮޅަށް މިމަހުގެ 18 ވަނަ ދުވަހު ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެއެވެ. އޭނާއަށް އެންެމެ އަވަހަށްވެސް ދެން ލީގުގައި ކުޅެވޭނީ މިމަހުގެ 24 ވަނަ ދުވަހު މެޓްސް އާއި ދެކޮޅަށް ކުޅެން އޮތް މެޗުގައެވެ.