ރިއަލް މެޑްރިޑުގެ ތަރި ގެރެތް ބޭލް ކުރިމަގާއި ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ކްލަބުގެ ކޯޗަކަށް އަންނަ ފަރާތަކަށް ބެލުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އެ ކްލަބު ދޫކޮށްލުމަކީ ބޭލް އެ ކްލަބުގައި މަޑު ކުރާނެ ކަމަށް ބެލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޒިދާންގެ ކޯޗު ކަމުގެ ދަށުގައި ބޭލް އަށް ކުޅުމުގެ ފުރުސަތު މަދުވެފައިވީ ނަމަވެސް އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި އޭނާ ވަނީ ފުރަތަމަ 11 އިން އޭނާ އަށް ޖާގަ ދޭން ޖެހޭ ކަން ސާބިތުކޮށްދީފައެވެ.

ބޭލްގެ ކުރިމަގާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާއިރު އޭނާ ގެނައުމަށް މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް އަށް ކޯޗެއް އަދި ހަމަޖައްސާފައިނުވާއިރު އެ މަގާމަށް މީހަކު ހޯދުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރެއާލް އިން އެންމެ ފުރަތަމަ އެ މަގާމަށް ގެންނަން މަސައްކަތް ކުރީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ. ނަމަވެސް އޭނާ ވަނީ ޓޮޓެންހަމްގައި ހުރީ އުފަލުން ކަމަށް ބުނެ އެ ކްލަބު ދޫކޮށްލަން ދެކޮޅު ހަދާފައެވެ.

ބޭލްގެ އިތުރުން ރެއާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރެއާލް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތްތަކެއް ރޮނާލްޑޯ ކުރަނީ ބޮޑު މުސާރައަކާ އެކު އާ ކޮންޓްރެކްޓެއް ހޯދުމުގެ ބޭނުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިބުނި ޖައްބާރު

    ރޮނަލްޑޯ އަކީ ފުޓްބޯޅައިގެ ދުނިޔޭގައިނަމަ ބުނެވޭނީ ބޮޑު މުސްކުޅިއެއްކަމަށް. ޢޭނަޔަށް މިހާރަށްވުރެ ބޮޑު މުސާރައެއް ރިއަލް އިންދޭނީ އެކުލަބުގެ މެނޭޖްމެންޓް މޮޔަވި ދުވަހަކުން. ޢެހެންނޫން ޗައިނާގެ ކްލަބަކުން ދީފާނެ .