ޕީއެސްޖީގެ ކޯޗު އުނޭ އެމެރީ އާސެނަލް އަށް ބަދަލުވުމާއި ގުޅިގެން އެކްލަބުގެ އާކޯޗު ތޯމަސް ޓުޗެލް ބޭނުންވަނީ ޗެލްސީގެ މިޑްފިލްޑަރު އެން ގޯލޯ ކަންޓޭ ގެންނަން ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.

ޖެހި ޖެހިގެން ދެފަހަރު ޕްރިމިއާ ލީގު ތަށިނެގި ކަންޓޭ އަނބުރާ އޭނާގެ ގައުމަށް ދާނެ ކަމަށް ގިނަ ބަޔަކު ބުނަނީ އޭނާގެ އޭޖެންޓު ދުވަސްކޮޅެއް ކުރިން ޕީއެސްޖީގެ ސްޕޯޓިން ޑީރެކްޓަރާއި ބައްދަލު ކުރި ފަހުންނެވެ. ލެސްޓާ އާއި އެކު 2016 ވަނަ އަހަރުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށްފަހު 12 މަސް ފަހުން ޗެލްސީ އާއި އެކު ތަށި ނަގާފައިވާ ކަންޓޭ އަކީ މިހާރު ޕީއެސްޖީގެ ކޯޗު ޓުޗެލް އެންމެ ބޭނުންވާ ކުޅުންތެރިޔާ އެވެ. ކަންޓޭ ޗެލްސީ އަށް ބަދަލު ވެފައި ވަނީ 35 މިލިއަން ޕައުންޑަށެވެ.

މިއަންނަ ޑިސެމްބަރު މަހުގައި ކަންޓޭ އޭނާގެ އޭޖެންޓު ބަދަލު ކުރާއިރު މިއަންނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން އެހެން ކްލަބަކަށް ބަދަލު ވާނަމަ އޭގެ ކުރިން ބަދަލު ވާން ޖެހޭނެ ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ ފްރެންޗް ޔުނައިޓެޑުން ބުނެއެވެ.

ރިއަލް މެޑްރިޑުންވެސް ކަސެމީރޯ ފަދަ މޮޅު މިޑްފިލްޑަރެއް ގެންނަން ޝައުގުވެރިވާކަމަށް ބުނާއިރު ކަންޓޭ އަކީ މިހާރު ދުނިޔޭގެ ފުޓުބޯޅައިގައި މިފަދަ އެންމެ މޮޅު އެއް މިޑްފިލްޑަރެވެ.