ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު ވެލެންސިއާއިން އެއްވަނައިގައި މާޒިޔާ އާއި ފަރަގު ކުޑަކުރިއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މާޒިޔާއާއި ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައިވަނީ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ސަސް އާއި ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ވެލެންސިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ވެލެންސިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ބޯހަސް މާޓިން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭއެވެ.

ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގެ ފުރަތަމަ މޮޅު ހޯދާފައިވަނީ ދަ ގްރާންޑޭ އާޢި ވާދަކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ. މި މެޗު ޔޫވީ ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ސަހާއުއެވެ. ޔޫވީން، މެޗުގެ 34 ވަނަ މިނެޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފަައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އިސްމާއިލް އީސަ (މެސީ) އެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް ވަނީ ޔޫވީއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ޔޫވީގެ ލީޑު ފުޅާކޮދީފައެވެ. އަދި މި މެޗުގައި ޔޫވީން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނަޓޯލީއެވެ.

މި ނަތީޖާއާއެކު ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު، ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި 11 މެޗުން 21 ޕޮއިންޓާއެކުއެވެ. މެޗުން މޮޅުވި ޔޫވީ އޮތީ ފުލުގައި 12 މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ.