ސްޕެނިޝް ލީގުގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ އެފްސީ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި "އެލް ކްލަސިކޯ" މެޗު ރެއާލް މެޑްރިޑް ކާމިިޔާބުކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ކުޅުނު ނަމަވެސް އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ ރެއާލް އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ރެއާލް މެޑްރިޑެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލޫކަސް ވަޒްކުއެޒް ގެ ހުރަހަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މިއީ މި ސީޒަނުގައި ބެންޒެމާ ކާމިޔާބުކުރި 25 ވަނަ ގޯލެވެ. އަދި މިއީ އެންމެފަހުން ރެއާލް ކުޅުނު ހަތް މެޗުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ.

ރެއާލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ މެޗުގެ 28 ވަނަ މިނެޓުގައެވެ. މިއީ ޓޯނީ ކްރޫސްގެ ހިތްގައިމު ހިލޭ ޖެހުމަކުން ބާސާގެ ސާޖިނޯ ޑެސްޓް ގައިގަ ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ. ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ލީޑަކާއެކު ރެއާލް އޮވެގެންނެވެ.

ދެވަނަ ހާފުގައި ބާސާއަށް ސުން ކަނޑުވާލަދިން ލަނޑު ކާމިޔާބުކުރީ އޮސްކާ މިންގުއެޒާ އެވެ. އޭނާ މި ލަނޑު ޖެހީ ޖޯޑީ އަލްބާގެ ހުރަހަކުންނެވެ. މި ލަނޑަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކުރަން ބާސާއަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނެވެ.

މިއީ 1978 ގެ ފަހުން ޖެހިޖެހިގެން ތިން އެލްކްލަސިކޯ މެޗު ރެއާލް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.