މި އަހަރުގެ ވޯލްޑް ކަޕަކީ ރަޝިއާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި 2006 ވަނަ އަހަރުގެ ފަހުން ޔޫރަޕްގައި ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރަޝިއާ އަށް ލިބުނީ 2010 ވަނަ އަހަރު ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ ވޯޓަކުންނެވެ. ރަޝިއާ އަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނީ ވޯޓިންގެ ދެވަނަ ބުރުންނެވެ. ރަޝިއާ ބިޑް ކާމިޔާބުކުރީ ޕޯޗުގަލް / ސްޕެއިންގެ ބިޑް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ބިމުގެ ސަރަހައްދަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމު ކަމަށްވާ ރަޝިއާ އަކީ ފުޓްބޯޅައިގައި ވަރުގަދަ ޤައުމެއް ނޫނެވެ.

އަދި 1960 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުން ނޫނީ، ބައިނަލްއަގުވާމީ މުބާރާތެއްގައި ރަޝިއާ އަށް މާބޮޑު ކާމިޔާބެއް ވެސް ލިބިފައެއް ނެތެވެ. އަދި އޮލިމްޕިކް ގޭމްސް ނޫން، ރަޝިއާގައި މިހާތަނަށް ބައިނަލްއަގުވާމީ ބޮޑު ކުޅިވަރު މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި ބޭއްވުމުގެ ފުރުސަތު ލިބުމަކީ އެ ޤައުމަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރިމަތިވި ނަމަވެސް، ރަޝިއާގެ ގާބިލްކަމާމެދު މާބޮޑު ސުވާލެއް އުފެއްދޭކަށް ނެތެވެ.

ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ރަޝިއާގެ ތައްޔާރީތައް އޮތީ ރަނގަޅު ފައްތަރެއްގައި ކަމަށް އެ ޤައުމުން ބުނެ އެވެ. އެގޮތުން މެޗުތައް ކުޅޭ 12 ސްޓޭޑިއަމް ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ރަޝިއާ އިން ބުނެ އެވެ. ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށް ދާނި ރަޝިއާގެ 11 ސިޓީއެއްގަ އެވެ.

ރަޝިއާ އިން މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ހޭދައެއް ކުރެ އެވެ. އެގޮތުން މި މުބާރާތުގެ ތައްޔާރީތަކާއި އިންތިޒާމްތަކަށް ރަޝިއާ އިން 11 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރަޝިއާގައި ވޯލްޑް ކަޕް ބޭއްވުމަށް ގާތްވެފައި ވަނިކޮށް، ދާދި ފަހުން އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ރަޝިއާގެ ކުރީގެ ޖާސޫސެއް މަރާލުމުގެ މައްސަލައިގައި ވޯލްޑް ކަޕްގައި ބައިވެރިވާ ބައެއް ގައުމުތަކުގެ އިސްވެރިން ވަނީ ރަޝިޔާ އަށް ނުދާން ނިންމާފައެވެ. އަދި މި މައްސަލައާ ގުޅިގެން ރަޝިއާ އަށް ވަނީ އިތުރު ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.