ރަޝިއާ (ގުރޫޕް އޭ)

ފީފާ ރޭންކިން: 66
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1958
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ހަތަރު ވަނަ (1966)

ވޯލްޑް ކަޕްގެ ތާރީޙް:

ރަޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ޤައުމެވެ. މިއީ ރަޝިއާގައި ފީފާ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރަޝިއާ ވަނީ 10 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ކުރިން ސޯވިއެޓް ޔޫނިއެންގެ ގޮތުގައި އޮތް ރަޝިއާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1958 ވަނަ އަހަރެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރި އަހަރު ރަޝިއާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އިން ވަނީ 1958 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި ރަޝިއާ ވޯލްޑް ކަޕްގައި ނުކުޅެނީ 1974 ވަނަ އަހަރާއި 1978 ވަނަ އަހަރެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ ވޯލްޑް ކަޕްގައި ވާދަކުރިއިރު، ތިން ފަހަރު ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ވަނީ ހޯދައިފަ އެވެ. މިއީ ރަޝިއާ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ޤައުމު ވާދަކުރި ފުރަތަމަ ވޯލްޑް ކަޕަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕެވެ. އަަދި އޭގެ ފަހުން ރަޝިއާ ވަނީ 2002 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

ކޯޗު

ނަން: ސްޓެނިސްލާފް ސަލަމޯވިޗް ޗެރްޗެސޯފް
އުފަން ތާރީޙް: 2 ސެޕްޓެމްބަރ 1963 (54 އަހަރު)
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

މި ފަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާ އަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު ސްޓަނިސްލާވް ޗެރްޗެސޯފް އެވެ. އުމުރުން 54 ވަނަ އަހަރުގެ ޗެރްޗެސޯފްގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ އޮސްޓްރިއާ، ޕޯލެންޑް އަދި ރަޝިއާގެ ރަނގަޅު ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. ރަޝިއާގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ އޯގަސްޓް މަހު ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ހުރީ ޕޮލެންޑްގެ އެންމެ މަޝްހޫރު ކްލަބު ކަމަށްވާ ލެގިއާ ވޯސޯގެ ކޯޗުގެ މަޤާމުގަ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ގޯލްކީޕަރަކަށް ކުޅުނު ޗެރްޗެސޯފް ޗެރްޗެސޯފް ވަނީ ރަޝިއާގެ މަޝްހޫރު ކްލަބުތަކަށް ކުޅެފަ އެވެ. އަދި ސޯވިއެޓް ޔޫނިއަން އާއި ރަޝިއާގެ ޤައުމީ ޓީމަށް ވެސް ކުޅެފައެވެ.

ޗެރްޗެސޯފް އަށް ރަޝިއާގެ ކޯޗުގެ މަޤާމު ހަވާލުކުރުމާއެކު، ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ވެސް އަމާޒުވިއެވެ. އޭގެ އެއް ސަބަބަކީ ޗެރްޗެސޯފްގެ ކޯޗިން ކެރިއަރުގައި އޭނާ އަށް އެއް ކްލަބެއްގައި މާގިނަ ދުވަހު މަސައްކަތް ކުރެވިފައި ނެތުމެވެ.

ރަޝިއާގެ ޤައުމީ ޓީމާ ހަވާލުވުމުގެ ކުރިން، ޗެރްޗެސޯފް ކޯޗުކޮށްދިން ހުރިހާ ކްލަބެއްގައި ވެސް އޭނާ މަސައްކަތްކޮށްފައިވަނީ އެއް ސީޒަނަށެވެ. އެހެން ނަމަވެސް ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީ، ރަޝިއާގެ ކުޅުން ބަދަލުކޮށްލަން ކުރާ މަސައްކަތުގެ ސަބަބުން އޭނާ އަށް ވަނީ ތައުރީފު ވެސް ލިބިފަ އެވެ.

މުހިންމު ކުޅުންތެރިން:

އީގޯރ އަކިންފިއޭފް

ރަޝިއާގެ ޤައުމީ ޓީމުގެ ކެޕްޓަން އީގޯރ އަކިންފިއޭފް އަކީ މި ވަގުތު ރަޝިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް 2003 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އަކިންފިއޭފް ރަޝިއާގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

ރަޝިއާގެ ޤައުމީ ޓީމާއެކު އޭނާ ވަނީ ޔޫރޯގެ ތިން މުބާރާތް، އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.

އެލަން ޒަގޮއޭފް

އެލަން ޒަގޮއޭފް ރަޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. ރަޝިއާ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައި ވެސް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދި ޒަގޮއޭފް ،27، ރަޝިއާގެ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ އުމުރުން 18 އަހަރުގަ އެވެ.

ޒަގޮއޭފް ބޮޑަށް ވިދާލީ 2012 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ޒަގޮއޭފް ހިމެނުނުއިރު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ވެސް އޭނާ އަށް ސަމާލުކަން ދިނެވެ.

ޒަގޮއޭފް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާގެ ޓީމަށް ކުޅެފަ އެވެ.

އެލެކްސީ މިރަންޗުކް

ލޮކޮމޯޓިވް މޮސްކޯ އަށް ކުޅެމުންދާ އެލެކްސީ މިރަންޗުކް އަކީ މި ވަގުތު ރަޝިއާގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. އުމުރުން 22 އަހަރުގެ މިރަންޗުކް ރަޝިއާގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. ރަޝިއާ ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާ މިރަންޗުކް އަށް މި އަހަރުގެ ވޯލްޑް ކަޕަކީ ޤައުމީ ޓީމާއެކު އިންޓަނޭޝަނަލް މުބާރާތެއްގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި މިރަންޗުކާމެދު ރަޝިއާގެ ސަޕޯޓަރުން ފޮނި އުންމީދުތަކެއް ކުރެ އެވެ.