އުރުގުއޭ ޓީމުގެ ކުޅުންތެރިން - ފޮޓޯ: އޭއެފްޕީ

އުރުގުއޭ (ގުރޫޕް އޭ)

ފީފާ ރޭންކިން: 17
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1930 އަދި 1950)

ވޯލްޑް ކަޕްގެ ތާރީޙް:

ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އަކީ ވޯލްޑް ކަޕްގެ ފުރަތަމަ ޗެމްޕިއަނުންގެ ގޮތުގައި، ވޯލްޑް ކަޕްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދާފައިވާ ޤައުމެކެވެ. އަމިއްލަ ޤައުމުގައި 1930 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ، އުރުގުއޭ އިން މިހާރު ވެސް ފަހުރުވެރިވާ ކަމެކެވެ.

އަމިއްލަ ޤައުމުގައި 1930 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އުރުގުއޭ އިން ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު 1934 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުން ލިބުނު ނަމަވެސް، އުރުގުއޭ އެ މުބާރާތުގައި ބައިވެރިއެއްނުވެ އެވެ. އެއީ 1930 ވަނަ އަހަރު އުރުގުއޭގައި އޮތް ވޯލްޑް ކަޕްގައި ބައިވެރިވުމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ބޭނުން ނުވުމުންނެވެ.

އަދި ޔޫރަޕާއި ދެކުނު އެމެރިކާގެ ޤައުމުތަކުގައި ހަމަހަމަ އުސޫލެއްގެ ދަށުން ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އޮތް އުސޫލާ ހިލާފުވުމުން، 1938 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގައި ވެސް އުރުގުއޭ ބައިވެރިއެއް ނުވެ އެވެ.

އުރުގުއޭ އިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރީ 1950 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބްރެޒިލް ބަލިކޮށް، އުރުގުއޭ ތަށި އުފުލާލުމަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ހައިރާންކުރަނިވި އެއް ނަތީޖާއެވެ.

އެކަމަކު 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ފަހުން، އުރުގުއޭ ފުޓްބޯޅައިގެ ފެންވަރު ދަށްވެ، ވޯލްޑް ކަޕްގައި މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ.

ފުޓްބޯޅަ ކުރިއަރުވަން އުރުގުއޭ އިން ކުރި މަސައްކަތާއެކު، ލުއިސް ސުއަރޭޒް އާއި އެޑިސަން ކަވާނީ ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އުފެދި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔައީ އުރުގުއޭގެ ވަރުގަދަ ޓީމެކެވެ. އެ އަހަރުގެ މުބާރާތް އުރުގުއޭ ނިންމާލީ ހަތަރު ވަނައިގަ އެވެ.

އެންމެ ފަހުން، 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އުރުގުއޭ ކެޓީ ދެވަނަ ބުރުންނެވެ. ދެވަނަ ބުރުގައި އަވައްޓެރި ކޮލަމްބިއާ އަތުން އުރުގުއޭ ވަނީ ބަލިވެފަ އެވެ.

ކޯޗު

ނަން: އޮސްކާ ޓަބަރޭޒް
ޤައުމު: އުރުގުއޭ
އުފަން ތާރީޙް: 3 މާޗް 1947 (70 އަހަރު)
ޓީމާ ހަވާލުވީ: 2006 ވަނަ އަހަރު

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން، އެންމެ ގިނަ ދުވަހު އެ ޤައުމުގެ ކޯޗުކަމުގައި ދެމިހުރުމުގެ ޝަރަފު ލިބޭނެ އެއް ކޯޗަކީ އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް އެވެ. ކޯޗިން ކެރިއަރުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ޓަބަރޭޒް ދެވަނަ ފަހަރަށް އުރުގުއޭގެ ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރެވެ. އެ މަޤާމުގައި ދެމިހުރެ، ފަހުގެ ތާރީހުގައި އުރުގުއޭ އިން ހޯދި ހުރިހާ ކާމިޔާބީއެއްގެ މުގުލުގައި ހުރީ ޓަބަރޭޒް އެވެ.

ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ކްލަބުތަކަށް ކޯޗުކޮށްދިނުމަށް ފަހު، ޓަބަރޭޒް އެންމެ ފުރަތަމަ އުރުގުއޭގެ ޤައުމީ ޓީމާ ހަވާލުވީ 1988 ވަނަ އަހަރެވެ. ޓަބަރޭޒްގެ އިރުޝާދުގެ ދަށުން އުރުގުއޭ ވަނީ 1989 ވަނަ އަހަރު ކޮޕާ އެމެރިކާގެ ދެވަނަ ހޯދައިފަ އެވެ.
އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ޓަބަރޭޒްގެ އިރުޝާދުގެ ދަށުން އުރުގުއޭ ވާދަކުރި އެވެ. އެކަމަކު މުބާރާތުގެ ދެވަނަ ބުރުން އުރުގުއޭ ކެޓުމާއެކު، ޓަބަރޭޒް ވަނީ ޤައުމީ ޓީމުގެ ކޯޗުކަމާ ދުރަށް ޖެހިފަ އެވެ.

އެކަމަކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، ޓަބަރޭޒްގެ އިރުޝާދުގެ ދަށުން އުރުގުއޭ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އުރުގުއޭ 40 އަހަރުގެ ތެރޭގައި ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެ މުބާރާތް އުރުގުއޭ ނިންމާލީ ހަތަރު ވަނައިގަ އެވެ.

އުރުގުއޭގެ ޤައުމީ ޓީމުގެ ކޯޗުކަމުގައި ޓަބަރޭޒް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރުމެވެ.

އަދި ޓަބަރޭޒްގެ އިރުޝާދުގެ ދަށުން އުރުގުއޭ އިން ވަނީ ބަލިނުވެ ޖޫން 2011 އިން އޯގަސްޓް 2012 އަށް 18 މެޗު ހަމަކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން:

ލުއިސް ސުއަރޭޒް

ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް އަކީ އުރުގުއޭގެ ޤައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަދި ފަހުގެ ތާރީހުގައި އުރުގުއޭ އިން ހޯދާފައިވާ ކާމިޔާބީތަކުގައި، ސުއަރޭޒް ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

އުރުގުއޭގެ ސަލްޓޯ އަށް އުފަން ސުއަރޭޒް ،31، ކެރިއަރު ފެށީ އުރުގުއޭގެ ނަޝިއޮނާލް އިންނެވެ. އަދި އުމުރުން 19 އަހަރުގައި ނެދަލޭންޑްސްގެ ގްރޮއިންގެން އިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އެ ކްލަބަށް ބަދަލުވި އެވެ. ގްރޮއިންގެންގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، ނެދަލޭންޑްސްގެ އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ އަޔަކްސް އިން 2007 ވަނަ އަހަރު އޭނާ ގެންދިޔަ އެވެ.
ޔޫރަޕްގައި ސުއަރޭޒްގެ ނަން ބޮޑަށް ވިދާލީ އަޔަކްސްގަ އެވެ. އަޔަކަސް އަށް ކުޅުނު 110 މެޗުގައި 81 ލަނޑު ޖަހައިދިނުމަށް ފަހު، ސުއަރޭޒް ވަނީ 2011 ވަނަ އަހަރު އިންގްލެންޑް ލިވަޕޫލަށް ބަދަލުވެފަ އެވެ.

ލިވަޕޫލްގައި ސުއަރޭޒް ވަނީ ވިދާލައިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ސީޒަންގައި ސުއަރޭޒް ވަނީ ޕީއެފްއޭ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދައިފަ އެވެ.

ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ސުއަރޭޒް ބަދަލުވީ 2014 ވަނަ އަހަރެވެ. ބާސެލޯނާގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް ސުއަރޭޒް ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެއިން ލީގު ކާމިޔާބުކޮށްފަ އެވެ.

އުރުގުއޭގެ ޤައުމީ ޓީމަށް ސުއަރޭޒް ކުޅެން ފެށީ 2007 ވަނަ އަހަރެވެ. ދެހާސް ދިހަ ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަކީ، ސުއަރޭޒް ވޯލްޑް ކަޕްގައި ކުރި ފުރަތަމަ ތަޖުރިބާއެކެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އުރުގުއޭ އަށް ހޯދައިދިނުމުގައި، ސުއަރޭޒް މުހިންމު ރޯލެއް އަދާކުރި އެވެ. އެކަމަކު ކުއާޓާ ފައިނަލްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާއެކު، ސެމީ ފައިނަލްގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސުއަރޭޒް އަށް ނުކުޅެވުނެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ވެސް ސުއަރޭޒް އަށް ނިމުނީ ހިތި ގޮތަކަށެވެ. މުބާރާތުގެ ދެވަނަ ބުރުން އުރުގުއޭ ޖާގަ ހޯދި ނަމަވެސް، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ޖިއޯޖިއޯ ކިއެލީނީގެ ގައިގައި ސުއަރޭޒް ދަތްއެޅުމުގެ ސަބަބުން އޭނާ ވަނީ ނުވަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ދެވަނަ ބުރުގައި ކޮލަމްބިއާ އަތުން އުރުގުއޭ ބަލިވިއިރު، ސުއަރޭޒް އަށް އިންނަންޖެހުނީ ކުޅި ބަލަންށެވެ.

ސުއަރޭޒް ފާހަގަކުރެވިފައިވަނީ ޑިސިޕްލިނަރީ މައްސަލަތައް ގިނަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ސުއަރޭޒް އަކީ މަތީ ފެންވަރުގެ ކުޅުންތެރިޔެކެވެ. ވޯލްޑް ކަޕްގައި އުރުގުއޭ އަށް ސުއަރޭޒްގެ މުހިންމުކަން ބޮޑުވާނެ އެވެ.

އެޑިންސަން ކަވާނީ:

ޕީއެސްޖީގެ ފޯވަޑް އެޑިސަން ކަވާނީ އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވަޑެވެ. ބައެއް ތަޖުރިބާކާރުން ކަވާނީ ސިފަކުރަނީ "ޒަމާނީ ފޯވަޑެއް"ގެ ގޮތުގަ އެވެ. ގޯލާ ރައްޓެހިވުމުގެ އިތުރުން، ކަވާނީ އަކީ ޓެކްނިކަލީ ވެސް މޮޅު ކުޅުންތެރިޔެކެވެ.

އުރުގުއޭގެ ޑަނުބިއޯ އިން ކެރިއަރު ފެށުމަށް ފަހު، އިޓަލީގެ ޕަލޭމޯ އަށް ކަވާނީ ބަދަލުވީ 2007 ވަނަ އަހަރެވެ. ޕަލޭމޯގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު، ކަވާނީ ނަޕޯލީ އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ކަވާނީ އަށް ލިބުނީ ނަޕޯލީގަ އެވެ. ނަޕޯލީގައި ހޭދަކުރި ފުރަތަމަ ދެ ސީޒަންގައި ކަވާނީ 33 ލަނޑު ޖެހިއިރު، ތިން ވަނަ ސީޒަންގައި 38 ލަނޑު ޖެހި އެވެ. އެ ސީޒަންގައި އިޓާލިއަން ލީގުގެ ރަންބޫޓު ވެސް ކަވާނީ ހޯދި އެވެ.

ކަވާނީ ޕީއެސްޖީ އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. ޕީއެސްޖީއާއެކު ކަވާނީ ވަނީ ފްރާންސްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ކަވާނީ އުރުގުއޭގެ ޤައުމީ ޓީމަށް ކުޅެންފެށީ 2008 ވަނަ އަހަރެވެ. ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.

ކަވާނީ ވަނީ އުރުގުއޭގެ ޤައުމީ ޓީމާއެކު ބައިނަލްއަގުވާމީ ހަ މުބާރާތުގައި މިހާތަނަށް ކުޅެފަ އެވެ. އެއީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2013 ވަނަ އަހަރު ކޮންފެޑަރޭޝަންސް ކަޕާއި 2011 އަދި 2013 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަދި ކޮޕާ އެމެރިކާ ސެންޓަނީރޯ އެވެ.

ޑިއޭގޯ ގޮޑިން:

އުރުގުއޭގެ ފޯވަޑް ލައިންގައި ސުއަރޭޒް އާއި ކަވާނީގެ މުހިންމުކަން ބޮޑު ފަދައިން، ޑިފެންސްލައިންގައި އުރުގުއޭގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން އުރުގުއޭގެ ކެޕްޓަންކަން ކުރަމުންދާ ގޮޑިން އަކީ ޔޫރަޕްގައި ފާހަގަކުރެވޭ ޑިފެންޑަރެކެވެ. އުރުގުއޭގައި ކެރިއަރު ފެށުމަށް ފަހު، ސްޕެއިންގެ ވިޔަރެއާލަށް ގޮޑިން ބަދަލުވީ 2007 ވަނަ އަހަރެވެ. އަދި 2010 ވަނަ އަހަރު އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. އެތުލެޓިކޯއާއެކު 2014 ވަނަ އަހަރު ގޮޑިން ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

ދެހާސް ފަސް ވަނަ އަހަރު ގޮޑިން އުރުގުއޭގެ ޤައުމީ ޓީމަށް ކުޅެން ފެށީ އުމުރުން 19 އަހަރުގަ އެވެ. އޭގެ ފަހުން މިހާތަނަށް އުރުގުއޭ ވާދަކުރި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ގޮޑިން ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު